އެކުއެޑޯގައި ބޭއްވުނު 2025 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ވިމެންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދައިފިއެވެ.
ބްރެޒިލް އާއި ކޮލަމްބިއާ ދެމެދު ކުޅުނު ފޯރިގަދަ ފައިނަލްމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް ވަނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މިއާ ގުޅިގެން ނަތީޖާ ނެރުމަށް ޖެހުނު ޕެނަލްޓީ ޝޫޓްއައުޓްގައި 5-4 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެ، ޖެހިޖެހިގެން ހަވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
މި މުބާރާތުގެ ތާރީޚަށް ބަލާއިރު، މިހާތަނަށް ބޭއްވިފައިވާ 10 މުބާރާތުގެ ތެރެއިން ބްރެޒިލްއަށް ވަނީ 9 މުބާރާތުގައި ޗެމްޕިއަންކަން ހޯދިފައެވެ. މީގެ ކުރިން ބްރެޒިލްއިން ވަނީ 1991، 1995، 1998، 2003، 2010، 2014، 2018 އަދި 2022 ވަނަ އަހަރުތަކުގައި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 2006 ވަނަ އަހަރުގެ ފައިނަލްގައި ބްރެޒިލް ބަލިވެފައިވަނީ އާޖެންޓީނާއަތުންނެވެ.
މި އަހަރުގެ މުބާރާތުގައި ބްރެޒިލް ފައިނަލަށް ގޮސްފައިވަނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އުރުގުއޭ 5-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.
ކޮލަމްބިއާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގެ ދެވަނަ މެޗުގައި އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ. މި ދެ ޓީމު ގުރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.
ފައިނަލް މެޗުގައި ދެ ޓީމުން ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައިވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކޮލަމްބިއާއެވެ. މި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ލިންޑާ ކައިސެޑޯއެވެ. ބްރެޒިލްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އަލޮންސޯ ކޮސްޓެންޓީނޯ އެންޖެލީނާއެވެ.
މެޗުގެ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކޮލަމްބިއާއިން ދެވަނަފަހަރަށް މެޗްގެ ލީޑު ހޯދިއެވެ. މިއީ ބްރެޒިލްގެ ޑިފެންޑަރު ޓާޝިންގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ނަމަވެސް، 80 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް އަމަންޑާ ގުޓިއަރޭޒް ވަނީ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ. އޭގެ 8 މިނެޓު ފަހުން ކޮލަމްބިއާގެ މޭރާ ރަމިރޭޒް އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ތިންވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތަޖުރިބާކާރު ފޯވާޑް މާޓާ ވަނީ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޓާ އަނެއްކާވެސް ލަނޑެއް ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ބްރެޒިލްއަށް ލީޑު ހޯދައިދިނެވެ.
އެހެންނަމަވެސް، އިތުރު ވަގުތުގެ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ކޮލަމްބިއާގެ ލެއިސީ މާރިއާ ސަންޓޯސް ހެރެއިރާ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމުނުއިރު ދެޓީމް ވަނީ 4-4 އިން އެއްވަރުވެފައެވެ.
މިހިސާބުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓަކަށް ދާންޖެހުނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލްއިން 7 ޕެނަލްޓީގެ ތެރެއިން 5 ޕެނަލްޓީ ކާމިޔާބުކުރިއިރު، ކޮލަމްބިއާއަށް 7 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ 4 ޕެނަލްޓީއެވެ. މިގޮތުން މެޗު ނިމިގެން ދިޔައީ 5-4 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެގެންނެވެ.
މި ކާމިޔާބީއާއެކު ބްރެޒިލްއިން ވަނީ ކޮޕާ އެމެރިކާ ވިމެންސް ފުޓްބޯޅަ މުބާރާތުގެ ތަށި ޖެހިޖެހިގެން ހަވަނަ ފަހަރަށް އަދި ޖުމްލަ ނުވަވަނަ ފަހަރަށް ހޯދާފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އެއް ޓީމަކުން ހޯދާފައިވާ އެންމެ ގިނަ ޗެމްޕިއަންޝިޕްތަކެވެ. މ މި ކާމިޔާބީއާއެކު ބްރެޒިލްގެ އަންހެނުންގެ ޓީމުން ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު އަންހެނުންގެ ފުޓްބޯޅަ ޓީމުގެ ގޮތުގައި ސާބިތުކޮށްދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

