ބ. އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އައްޑޫ ސިޓީއަށް ކުރަމުންދާ ތަޖުރިބާ ދަތުރުގައި އިއްޔެ ( 2 އޮގަސްޓް 2025 ވަނަ ދުވަހު ) ހުޅުމީދޫއަށް ޒިޔާރަތްކޮށްފިއެވެ.
މި ދަތުރުގައި އެ ކޮމިޓީގެ މެންބަރުން ހުޅުމީދޫގެ އެކި ފަންނުތަކަށާއި، އެކޯގާޑަނަށާއި، ކޯގަންނު ގަބުރުސްތާނުގެ އިތުރުން މީދޫގެ ޒުވާން ދަނޑުވެރިޔާ ހައްދަމުންގެންދާ ޑްރެގަންފުރުޓު ދަނޑަށް ޒިޔާރަތްކުރިއެވެ.
މިކޮމިޓީއާއި އެކު ވަޑައިގެންނެވި އޭދަފުށީ ކައުންސިލްގެ އެސިސްޓެންޓް ކައުސިލް ނިއުމާ ވިދާޅުވިގޮތުގައި، ހުޅުމީދޫއަށް ކުރި ޒިޔާރަތުގައި އެ ރަށުން ލިބުނު މެހެމާންދާރީއަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ. އަދި ރަށުތެރޭގެ ސާފުތާހިރުކަމާއި، އެކި ފަންނުތަކުގައި ތައްޔާރުކޮށްފައިވާ މައިޒާންތަކުގެ ރީތިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނުމަށް ނިއުމާ ވިދާޅުވިއެވެ.
"ހުޅުމީދޫގެ ފިނި މައިޒާންތަކަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި ފެނިގެންދިޔައީ ޗުއްޓީ ހޭދަކުރުމަށް އެހެން ރަށްރަށުން ޒިޔާރަތްކޮށްފައިވާ މީހުން. މިއީ ހުޅުމީދޫގެ މީހުންގެ މެހުމާންދާރީއަދާކުރުމާއި ފަންނުތަކުގެ ސާފުތާހިރުކަން ހެއްކެކެވެ،"
ނިއުމާ ވިދާޅުވިއެވެ.
ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވިގޮތުގައި، އައްޑޫ ސިޓީއަށް އެ ބޭފުޅުން ކުރި މި ދަތުރުގައި ސިޓީ ކައުންސިލުން ކަންތައްތައް ވަރަށް ރަނގަޅަށް އިންތިޒާމުކޮށްދެއްވާފައިވާކަމަށެވެ. އަދި ހުޅުމީދޫގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމަށްފަހު، އެ ރަށުގައި އިތުރަށް މަޑުކުރުމަށް ބޭނުންވިނަމަވެސް، ދަތުރުގެ ޕްރޮގްރާމް ރޭވިފައިވާ ގޮތުން އެކަމަށް ފުރުޞަތު ނުލިބުނު ކަމަށް ނިއުމާ ވިދާޅުވިއެވެ.
"މި ދަތުރަކީ އަޅުގަނޑުމެންގެ ކޮމިޓީއަށް ވަރަށް ބޮޑު ތަޖުރިބާއެއް ލިބިގެންދިޔަ ދަތުރެކެވެ. ޚާއްޞަކޮށް އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތަކާއި، ހުޅުމީދޫގައި މުނިފޫހި ފިލުވުމަށް ތައްޔާރުކޮށްފައިވާ ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ރަށުގައިވެސް ތަންފީޒުކުރެވިދާނެ ކަންތައްތަކެއް،" ނިއުމާ ވިދާޅުވިއެވެ.
ބ. އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އައްޑޫ ސިޓީއަށް ކުރަމުންދާ މި ތަޖުރިބާ ދަތުރަކީ އެ ކޮމިޓީގެ މެންބަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ރާވާފައިވާ ތަފާތު ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށްގެންދާ ދަތުރެކެވެ. މި ދަތުރުގައި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ތަރައްޤީއާއި ތަފާތު މަޝްރޫޢުތައް ބަލައި ދިރާސާކޮށްފައިވެއެވެ.
"މި ދަތުރުގެ ބޭނުމަކީ އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށް ބޭނުންވާ އައު ޚިޔާލުތަކާއި ތަޖުރިބާތައް ހޯދުމެވެ. އައްޑޫ ސިޓީއަކީ ރާއްޖޭގެ ތަރައްޤީގެ ނަމޫނާ ސިޓީއެއްކަމުން، މިތަނުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތައް ދަސްކުރެވޭނެކަމަށް އުންމީދުކުރަމެވެ،" ނިއުމާ ވިދާޅުވިއެވެ.
ބ. އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މި ދަތުރު ނިންމާލުމަށްފަހު އައްޑޫސިޓީން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ، 3 އޯގަސްޓްގައެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

