ދަރިން ތަރުބިއްޔަތުކުރުމަކީ މައިންބަފައިންނާއި ހަވާލް ކުރެވިފައިވާ އެންމެ މުހިންމު އަދި ގޮންޖެހުންހުރި އެއް މަސްއޫލިއްޔަތެވެ. ދަރިންނަށް ލޯބިދީ، ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އަސާސީ ވާޖިބެކެވެ. އެހެންނަމަވެސް، ބައެއް ފަހަރު މި ލޯބީގެ ސަބަބުން ދަރިންނަށް އެއްވެސް ޒިންމާއެއް ނުދީ، އެއްވެސް ބުރައެއް ނުޖައްސައި ބޮޑުކުރުމަށް މަސައްކަތްކުރެވެއެވެ. ދަރިންގެ ހުރިހާ ކަމެއްގައި މައިންބަފައިން ނުވަތަ ބަލަދުވެރިން އެހީތެރިވެ، ދަރިން އަމިއްލައަށް ކަންކަން ކުރުމަށް ފުރުޞަތު ނުދިނުމުން އޭގެ ނޭދެވޭ ނަތީޖާ މިހާރުވެސްދަނީ ފެންނަމުންނެވެ. މި ރިޕޯޓުގައި އަލިއަޅުވާލާނީ މިފަދަ ގޮތަކަށް ދަރިން ތަރުބިއްޔަތުކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކަށެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުޑަވެ، މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ދަށްވުން
ޒިންމާތަކުން ދުރުކޮށްގެން ތަރުބިއްޔަތުކުރެވޭ ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުޑަ، އަދި އަމިއްލައަށް ނިންމުންތައް ނިންމުމަށް ދަތިވާ ބަޔަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. މިފަދަ ކުދިންނަށް ކުރިމަތިވާ ކުދިކުދި މައްސަލަތަކުގައި ވެސް އަބަދުވެސް ބޮޑެތި މީހުންގެ އެހީތެރިކަމަށް ބަރޯސާވާން ޖެހެއެވެ. މީގެ ސަބަބުން އެކުދިންގެ މުސްތަޤުބަލުގައި، އަދި ވަޒީފާގެ މާޙައުލުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދަތިވެއެވެ. އަމިއްލައަށް ކަންކަން ނުކުރެވޭ ބަޔަކަށް އެކުދީންވެ އަބަދުވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ ބަޔަކަށް އެކުދިން ވެދެއެވެ.
އިޖުތިމާޢީ އަދި ނަފްސާނީ ތަރައްޤީ ލަސްވުން
ޒިންމާތައް އުފުލުމަކީ ކުއްޖެއްގެ އިޖުތިމާޢީ އަދި ނަފްސާނީ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ. ކޮންމެވެސް ވަރެއްގެ ޒިންމާއެއް ޙަވާލުކުރުމުން އެކުދިންނަށް އެހެން މީހުންނާއެކު މަސައްކަތްކުރުމުގެ މުހިންމުކަން އަންގައިދެއެވެ. ޒިންމާ ނުއުފުލުވާ ތަރުބިއްޔަތުކުރެވޭ ކުދިންނަކީ އެހެން މީހުންގެ އިޙްސާސްތަކަށް ސަމާލުކަން ނުދޭ، އަމިއްލަ އެދުން ބޮޑު ބަޔަކަށް ވެދާނެއެވެ. މީގެ އިތުރުން، އެކުދިންނަށް ކަންކަން ކުރިމަތިވުމުން ރުޅިގަދަވެ، ކަންބޮޑުވުން އިތުރުވެ، ނަފްސާނީ ގޮތުން ހަމަނުޖެހުންތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ.
މަސައްކަތްކުރުމުގެ ޝައުޤު ކުޑަވެ، ކުރިއެރުމަށްދެވޭ ޝައުގުވެރިކަން ދަށްވުން
ހަގު އުމުރުން ފެށިގެން ޒިންމާތަކާއެކު ތަރުބިއްޔަތުކުރެވޭ ކުދިންނަށް މަސައްކަތުގެ އަގު ވަޒަންކުރަން ދަސްވެއެވެ. ގޭތެރޭގެ ކުދިކުދި މަސައްކަތްތައް ކުރުމުންވެސް އެކުދިންނަށް ކަމެއް ކާމިޔާބުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭނެކަން އިޙްސާސްކުރެވެއެވެ. ޒިންމާނެތި ތަރުބިއްޔަތުކުރެވޭ ކުދިންނަކީ މަސައްކަތްތައް ކުރުމަށް ފަރުވާކުޑަ، އަދި އަމިއްލަ ދިރިއުޅުމުގައި ކުރިއެރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް ވެދާނެއެވެ. އަދި، އެއްވެސް ބުރައެއް ނުފުލައި ކޮންމެ ކަމެއްވެސް ފަސޭހައިން ލިބޭނެކަމަށް ދެކޭ ބަޔަކަށްވެސް ވެދާނެއެވެ.
"ޙައްޤުވެއްޖެ" ކަމުގެ އިޙްސާސް އިތުރުވެ، އިޙްތިރާމް ކުޑަވުން
ކުއްޖެއްގެ ހުރިހާ ކަމެއް މައިންބަފައިން ކޮށްދިނުމުން، އެކުދިންނަށް ހުރިހާ ކަމެއްވެސް އެކުދިންނަށް ޙައްޤުވާކަމަށް ޤަބޫލުކުރެވެއެވެ. އަދި އެއްވެސް މަސައްކަތެއް ނުކޮށް ކޮންމެ ކަމެއް ލިބެންވާނެ ކަމަށް ދެކެއެވެ. މިފަދަ ކުދިންނަކީ އެހެން މީހުންނަށް އިޙްތިރާމްކުރުމުގައި ދަތިތަކެއް ހުންނާނެ ބަޔަކަށް ވެދެއެވެ. މައިންބަފައިންނަށް ނުވަތަ އެހެން ބޮޑެތި މީހުންނަށްވެސް އިޙްތިރާމްކުރުން ދަސްނުވެ، އަމިއްލަ އެދުން ބޮޑު ބަޔަކަށް އެކުދިން ވެދާނެއެވެ.
ދަރިން ތަރުބިއްޔަތުކުރުމުގައި، އެކުދިންނަށް ލޯބިދީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެކަށީގެންވާ ޒިންމާތަކެއް ޙަވާލުކުރުމަކީ އެކުދިން މުސްތަޤުބަލުގައި ފުރިހަމަ ބަޔަކަށްވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ކުޑައިރުއްސުރެ އަމިއްލަ ކަންކަން ކުރުމަށް ފުރުޞަތުދީ، ގޭތެރޭގެ ކުދިކުދި މަސައްކަތްތަކުގައި ބައިވެރިކުރުމަކީ ދަރިންގެ އަމިއްލަ ނަފްސަށް އިތުބާރު އިތުރުވެ، އިޖުތިމާޢީ ގޮތުން ކުރިއަރައި، މަސައްކަތްތެރި، އަދި އެހެން މީހުންނަށް އިޙްތިރާމްކުރާ ބަޔަކަށް ވެގެންދާނެކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

