އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތް 2025 ގައި ރޭ ކޮމްބައިން ފުޓްބޯޅަ ކުލަބު ވަނީ ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައެވެ. ކޮމްބައިން ފުޓްބޯޅަ ކުލަބުން ވަނީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް ޖެހުނު އެންމެ ގިނަ ލަނޑުގެ ރެކޯޑު ޤާއިމްކޮށްފައެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ކޮމްބައިން ފުޓްބޯޅަ ކުލަބާއި ޔުނައިޓެޑް ކޮމްބައިން ކުލަބު ބައްދަލުކުރި މިމެޗް 18-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ކޮމްބައިން ފުޓްބޯޅަ ކުލަބެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި އެއް މެޗެއްގައި ޖެހުނު އެންމެ ގިނަ ލަނޑުގެ ރެކޯޑެވެ.
މިމެޗްގައި ކޮމްބައިން ފުޓްބޯޅަ ކުލަބުގެ އިބްރާހިމް އަޙްމަދާއި ޒައިދުﷲ އަޙްމަދު ވަނީ 4 ލަނޑު ޖަހާފައެވެ. މީގެ އިތުރުން، ސިނާނު މުޙައްމަދު، ޒަޔާން ރަޝީދު، އިސްޙާޤު އަޙްމަދު އަދި މުޙައްމަދު މަސްޢޫދު ވަނީ 2 ލަނޑު ޖަހާފައެވެ. އަދި ސިނާނު އަންވަރު އަދި އިބްރާހިމް މުޒައްމިލު ވަނީ މި މެޗުގައި އެއް ލަނޑު ޖަހާފައެވެ.
މިމެޗްގައި 4 ލަނޑު ޖަހައިގެން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮމްބައިން ފުޓްބޯޅަ ކުލަބުގެ ޒައިދުﷲ އަޙްމަދެވެ.
މި ނަތީޖާއާއެކު، ކޮމްބައިން ފުޓްބޯޅަ ކުލަބަށް ވަނީ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ލިބިފައެވެ. ނަމަވެސް، އެ ޓީމަށް ޓޭބަލްގެ އެއްވަނަ ލިބޭނީ މިރޭ ކުޅެވޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.
މިރޭ ކުޅެވޭ މެޗުތަކުގައި ހުޅުމީދޫ ޕޮލިސްއާއި ހިތަދޫ ޕޮލިސް ބައްދަލުކުރާއިރު، އަނެއް މެޗުގައި ބައްދަލުކުރާނީ ގޭން ޕޮލިސްއާއި ކޮމްބައިން ފުޓްބޯޅަ ކުލަބެވެ. މި މެޗުތަކުގެ ނަތީޖާއިން ޕޮއިންޓް ޓޭބަލްގެ ތަރުތީބަށް ބަދަލުތަކެއް އަތުވެދާނެކަމަށް ބެލެވެއެވެ.
މިމުބާރާުގެ މެޗްތައް ރޭވިފައިވާގޮތުން ޕޮއިންޓް ޓޭބަލްގެ އެއްވަނައަށް ހޮވޭޓީމް ފައިނަލަށް ހޮވޭނެއެވެ. ސެމީފައިނަލްގެ މެޗްގައި ބައްދަލުކުރާނީ 2 ވަނައަށް ހޮވޭޓީމާ 3 ވަނައަށް ހޮވޭޓީމެވެ.
މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި މުބާރާތުގެ ސެމީފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މުބާރާތުގެ މެޗުތައް ބަލަން ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ކުޅިވަރަށް ލޯބިކުރާ ފާރާތްތަކުން ދާކަން ފާހަގަކުރެވެއެވެ.
މި މުބާރާތަކީ އައްޑޫސިޓީގައި ފުލުހުންގެ ޚިދުމަތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އަހަރީ މުބާރާތެކެވެ. މިމުބާރާތުގެ މައިގަނޑު މަޤްޞަދަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމެވެ. މި މުބާރާތުގައިވާދަކުރަނީ އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގެ ފުލުހުންގެ މަރުކަޒުތަކުގެ ޓީމުތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

