އިނގިރޭސި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ފޮރެސްޓް ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ފޮރެސްޓްއަތުން މޮޅުވިއިރު ލީގުގައި ކުޅުނު އަށް މެޗުން ޗެލްސީއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ފޮރެސްޓް ލީގުގައި ކުޅުނު އަށް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން ވަނީ ދެވަނަ ފާހުގެ ކުރީކޮޅު ދެލަނޑު ޖަހާފައެވެ. އެގޮތުން ޗެލްސީގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފެށިންގެން ހަތަރުވަނަ މިނެޓުގައި ޑިފެންޑަރު ޖޯޝް އަޗެންޕޮންގް ކާމިޔާބުކުރިއިރު އެޓީމުގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ފޯވާޑް ޕެޑްރޯ ނެޓޯ އެވެ.
މިމެޗުގައި ޗެލްސީ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓް ފަހުން އެޓީމުގެ ޑިފެންޑަރު މަލޯ ގުސްޓޯއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ވަނީ ދަނޑު ފޮނުވާލާފައެެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

