ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ޖިރޯނާ ބައްދަލުކުރި މެޗު، ފަހުވަގުތު ލަނޑު ޖަހައިގެން ބާސާއިން ކާމިޔާބުކުރިއިރު އެ ޓީމްގެ ކޯޗް ފްލިކްއަށް ރަތްކާޑު ދައްކައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅެވުނު މިމެޗް ބާސާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 13 ވަނަ މިނެޓުގައި ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޕެޑްރީއެވެ. ބާސާއިން ލަނޑުޖެހިތާ ހަތްމިނެޓް ފަހުން ޖިރޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ވިޓްސެލްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އާނައު މާޓިނޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް ބާސާ މޮޅުކޮށްދިން ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ޑިފެންޑަރ އަރައުހޯއެވެ. އޭނާ ކުޅެން ނުކުމެފައިވަނީ މެޗުގެ 81 ވަނަ މިނެޓުގައެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސާ ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުން މެޗުން ސެވިއްޔާ އަތުން ވެސް ބާސާ ބަލިވެފައި އޮތުމުން ރޭ ހޯދުނު މޮޅަކީ އެ ޓީމަށް މުހިންމު މޮޅެކެވެ.
ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 9 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ އެއް މެޗު މަދުންކުޅެ 21 ޕޮއިންޓާއިއެކުއެވެ. ނަމަވެސް މިރޭ ރެއާލާއި ގެޓާފޭ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.
ރޭ މެޗުގައި ބާސާގެ ކޯޗަށް ރަތްކާޑު ދައްކާފައިވަނީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓް ދެއްކުމުން އެ ވަގުތު މަދުކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށް އަމަލުތައް ބެހެއްޓި ގޮތުންނެވެ. މި ރަތްކާޑާއިއެކު އަންނަ ހަފްތާ ބަންދުގައި ރެއާލާއި ބާސާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗުގައި ފްލިކަށް ބެންޗުގައި ނުހުރެވޭނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

