މަސައްކަތުގެ މާޙައުލުތަކަކީ ތަފާތު ތަޖުރިބާތަކާއި، ޢިލްމާއި، ހުނަރުތައް އެކުލެވިގެންވާ މީހުން އެކުގައި މަސައްކަތްކުރާ ތަންތަނެވެ. އެހެންކަމުން، ކޮންމެ ކަމެއްގައިވެސް އެކި މީހުން ދެކޭގޮތާއި ވިސްނުން ތަފާތުވުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް، ހިތާމައަކީ ބައެއް މާޙައުލުތަކުގައި ޚިޔާލު ތަފާތުވުމަކީ ޒާތީ ޢަދާވާތްތެރިކަމެއްގެ ގޮތުގައި ބަލައިގަންނަ ނުރަނގަޅު އާދަ އަށަގެންފައިވުމެވެ. ޚިޔާލުތަފާތުވާ ކޮންމެ މީހަކީ ދެކޮޅުވެރިއެއްގެ ގޮތުގައި ދެކި، އެފަދަ ފަރާތްތަކާ މެދު ނަފްރަތުގެ ވިސްނުން ގެންގުޅުމަކީ މުއައްސަސާތަކާއި ޖަމާޢަތްތަކުގެ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
މިފަދަ ވިސްނުމެއް އުފެދެނީ އަމިއްލަ ނަފްސުގެ އިތުބާރު ކުޑަވުމާއި އެހެން މީހުންގެ ތަފާތު ޚިޔާލުތަކަށް ޖާގަދިނުމުގެ ހިތްވަރު ނެތުމުގެ ސަބަބުންނެވެ.
ޚިޔާލު ތަފާތުވާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށްޓަކައި އެންމެ ޢާންމުކޮށް ބޭނުންކުރެވޭ އެއް އުކުޅަކީ އެމީހުންގެ ޕްރޮފެޝަނަލް ސަޚްޞިއްޔަތު ކިލަނބުކޮށް، "އެއްބާރުލުން ނުދޭ މީހެއް" ގެ ލޭބަލް އެޅުވުމެވެ. ތިމާއާ އެއްބަސްނުވާ ކޮންމެ މީހަކީ ޓީމުގެ މަސައްކަތަށް ހުރަސްއަޅާ، މަސައްކަތުގެ ރޫޙު ނަގާލާ މީހެއްގެ ގޮތުގައި ވެރިންނަށާއި އެހެން މުވައްޒަފުންނަށް ތަޢާރަފުކުރުމަކީ ވަރަށް ނުރައްކާތެރި ސިޔާސަތެކެވެ. މިއީ އެއްވެސް ޒިންމާދާރުކަމެއް ނެތި، ތިމާގެ ނުފޫޒު ގަދަކުރުމަށްޓަކައި އަނެކާގެ އަގު ވައްޓާލުމަށް ޖަހާ ދަންތުރައެކެވެ. މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގައި ކަންކަމުގެ އަޞްލު އޮޅުވާލުމާއި، މައްސަލަތަކުގެ ދެމެހެއްޓެނިވި ޙައްލު ހޯދުމުގެ ބަދަލުގައި ޒާތީ މަސްލަޙަތު އިސްކުރުމަށް ދެއްކޭ ދަށު ދަރަޖައިގެ ވާހަކަތަކެކެވެ.
މިފަދަ އުކުޅުތައް ބޭނުންކޮށްގެން ވަގުތީ ގޮތުން ކާމިޔާބީތަކެއް ނުވަތަ މޮޅުތަކެއް ހޯދިދާނެއެވެ. އެހެން މީހުންގެ އަގު ވައްޓާލައިގެން ތިމާއަކީ އެންމެ އިޚްލާޞްތެރި، އެންމެ އެއްބާރުލުންދޭ މީހާގެ ގޮތުގައި ދައްކައިގެން މެނޭޖްމަންޓުގެ ރުހުން ވަގުތީގޮތުން ހޯދިދާނެއެވެ. އަދި އަމިއްލަ އެޖެންޑާއެއް ކުރިއެރުވުމަށް އެހެން ޚިޔާލުތަކަށް ފުރުސަތުނުދީ ވަގުތީ ބާރެއް ދެމެހެއްޓިދާނެއެވެ. ނަމަވެސް މިއީ ދޮގާއި އޮޅުވާލުމުގެ ނާޒުކު ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ފަނޑު ކާމިޔާބީއެކެވެ. ވަގުތީ މޮޅެއް ހޯދުމަށްޓަކައި ޕްރޮފެޝަނަލް މިންގަނޑުތައް ފަހަނައަޅައި ދިއުމަކީ ދުރު މުސްތަޤުބަލުގައި އަމިއްލަ އިތުބާރާއި އަބުރު މުޅިން ގެއްލިގެންދާނެ ކަމެކެވެ.
ޚިޔާލު ތަފާތުވާ މީހުން އެއްބާރުލުން ނުދޭ މީހުންގެ ގޮތުގައި ލޭބަލްކުރުމުން އެންމެ ބޮޑު ނަފްސާނީ އަދި އިދާރީ ގެއްލުމެއް ލިބެނީ އިޚްލާޞްތެރިކަމާއެކު ފާޑުކިޔާ މުވައްޒަފުންނަށެވެ. އެމީހުންގެ ހުށަހެޅުންތަކާއި ވިސްނުންތަކަކީ މުއައްސަސާއަށް ފައިދާހުރި އެއްޗަކަށް ވީނަމަވެސް، އެމީހުން ބާކީކޮށްލުމުން އެމީހުންގެ މަސައްކަތުގެ ޖޯޝާއި ޝައުޤުވެރިކަން ގެއްލިގެންދެއެވެ. މަސައްކަތުގެ މާޙައުލުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދި، ކޮންމެ މީހަކުވެސް ކަންކަމުގައި އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ބަދަލުގައި ހަމައެކަނި "އާނއެކޭ" ބުނަން މަޖުބޫރުވާ ޙާލަތަކަށް ކަންކަން ބަދަލުވެއެވެ. މީގެ ސަބަބުން ކަންކަމުގައި އުފެދޭ އައު އީޖާދީ ވިސްނުންތަކަށް ހުރަސްއެޅި، މުޅި ޓީމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށްދެއެވެ.
ޒަމާނުއްސުރެ ހިނގަމުން އަންނަ މިފަދަ ހީލަތްތެރި އުކުޅުތަކަކީ ޒަމާނީ ޕްރޮފެޝަނަލް މާޙައުލަކަށް އެއްގޮތަކަށްވެސް އެކަށީގެންވާ ކަންކަމެއް ނޫނެވެ. ކަންކަން ރަނގަޅުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ދެކެވޭ ބިނާކުރަނިވި ވާހަކަތަކަށް "އެއްބާރުލުން ނުދިނުން" ކަމަށް ބުނެ ނަންދިނުމަކީ ޙަޤީޤަތުގައި ކަންކަން އިޞްލާޙުކުރުމުގެ ދޮރު ބަންދުކުރުމެވެ. ތަފާތު ވިސްނުންތަކަކީ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތުތަކެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި، އެއީ ޒާތީ ހަނގުރާމައެއްގެ ގޮތުގައި ދުށުމަކީ ތަޞައްރަފު ނުފުދޭކަމުގެ ސާފު ހެއްކެކެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން މަސައްކަތުގެ ވެށި ވިހަވެ، މުއައްސަސާގެ އެތެރޭގެ ހަމަޖެހުމަށް ބޮޑެތި ލޮޅުންތަކެއް އަރައެވެ.
ޚިޔާލު ތަފާތުވުންތަކަށް ޖާގަ ނުދީ، އެއީ ދެކޮޅުވެރިކަމެއްގެ ގޮތުގައި ދެކޭ މާޙައުލެއްގެ ދުރު ރާސްތާގެ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. އެންމެ ފުރަތަމަ ކަމަކަށް، މުއައްސަސާއެއްގައި ނިންމާ މުހިންމު ނިންމުންތަކުގައި ހުންނަ އުނިކަންކަމާއި ނުރައްކާތައް ދެނެގަތުމުގެ ޤާބިލުކަން މުޅިން ގެއްލިގެންދެއެވެ. އެންމެން އެއްގޮތަކަށް ވިސްނައި، ކަންކަމުގައި ފުންކޮށް ދިރާސާނުކޮށް ނިންމާ ނިންމުންތަކުގެ ސަބަބުން ބޮޑެތި އިދާރީ، ފަންނީ އަދި މާލީ ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. ފާޑުކިޔުމާއި ތަފާތު ޚިޔާލުތަކަކީ ނުރައްކާތަކުން ރައްކާތެރިވުމަށް ލިބޭ ސަލާމަތީ އައްޑަނައަކަށް ވާއިރު، އެ އަޑުތައް ގަސްތުގައި ކަނޑުވާލުމަކީ މުޅި މުއައްސަސާ ނުރައްކާތެރި ފުން އަނދަވަޅަކަށް ވައްޓާލުން ފަދަ ކަމެކެވެ.
މީގެ އިތުރުން، އިތުބާރު ގެއްލި، މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މުޅިން ފުނޑުފުނޑުވެގެން ދެއެވެ. އެކަކު އަނެކަކަށް ޝައްކާއި ވަހުމުގެ ނަޒަރަކުން ބަލަން ފެށުމުން، އެއް އަމާޒަކަށް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙު ނެތިދެއެވެ. ޤާބިލު އަދި ތަޖުރިބާހުރި މުވައްޒަފުން އެފަދަ ވިހަ މާޙައުލުތަކުގައި ތިބެން ބޭނުންނުވެ ވަކިވެގެންދާއިރު، ބާކީ ތިބޭ މީހުން މަސައްކަތްކުރާނީ ހަމައެކަނި ވަޒީފާ ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އިދާރާގެ އުފެއްދުންތެރިކަމާއި ޚިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވެ، ވާދަވެރި މާޙައުލުގައި ފައިތިލަ ސާބިތުކުރުމަށް އެ މުއައްސަސާއެއް ނުކުޅެދެއެވެ.
މިފަދަ ނުރަނގަޅު ސަގާފަތެއް ބަދަލުކުރުމަށްޓަކައި ހަރުދަނާ ޕްރޮފެޝަނަލް ލީޑަރޝިޕެއްގެ ދައުރު ވަރަށް މުހިންމެވެ. ޙަޤީޤީ ލީޑަރުންނަކީ ތަފާތު ޚިޔާލުތަކަށް ހިތްވަރުދީ މަރުޙަބާ ކިޔައި، ބިނާކުރަނިވި ފާޑުކިޔުންތަކަކީ ތަރައްޤީގެ ބިންގާ ކަމުގައި ދެކޭ ފަރާތްތަކެވެ. އެއްބާރުލުން ނުދިނުމާއި، ކަންކަމުގައި ހަރުދަނާ ގޮތެއްގައި ޚިޔާލު ތަފާތުވުމާ ދެމެދު ހުރި ފަރަޤު ލީޑަރުން ސާފުކޮށް ދެނެގަންނަން ޖެހެއެވެ. މަސައްކަތުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އެހެން މަގެއް ނުވަތަ އައު ވިސްނުމެއް ހުށަހަޅާ މީހަކީ ދެކޮޅުވެރިއެއް ނޫންކަމާއި، އެއީ ކަންކަން އިތުރަށް ފުރިހަމަކުރުމަށް އެހީތެރިވެދޭ މުހިންމު ބައިވެރިއެއްކަން ބަލައިގަންނަން ޖެހެއެވެ.
ހަމައެއާއެކު، މުއައްސަސާތަކުގައި ދެފުށް ފެންނަ، އިންޞާފުވެރި މުވާޞަލާތީ ނިޒާމުތަކެއް ޤާއިމުކުރަން ޖެހެއެވެ. މީހުންގެ އަގު ވައްޓާލުމަށް ދެކެވޭ ދަށު ދަރަޖައިގެ ވާހަކަތަކަށް ޖާގަ ނުދީ، ކޮންމެ މީހަކަށްވެސް އަމިއްލަ ޚިޔާލު މިނިވަންކަމާއެކު ފާޅުކުރުމުގެ ރައްކާތެރި މާޙައުލެއް އޮންނަންވާނެއެވެ. މުވައްޒަފުންގެ މަސައްކަތް ވަޒަންކުރަންވާނީ އެމީހުންގެ ވިސްނުމާއި، މަސައްކަތުގެ ޢަމަލީ ނަތީޖާއާއި، އިޚްލާޞްތެރިކަމުގެ މައްޗަށް ބަލައިގެންނެވެ. އެހެން މީހުން ދައްކާ ޒާތީ އަދި ހަސަދަވެރި ވާހަކަތަކުގެ މައްޗަށް ބުރަވެ ގޮތް ނިންމުމަކީ އިދާރީ ހިންގުން ބަލިކަށިވެ، މުޅި ނިޒާމު ފޭލިވެގެންދާނެ ކަމެކެވެ.
އެހެންކަމުން ޚިޔާލު ތަފާތުވާ މީހުންނަކީ ދެކޮޅުވެރިން ކަމަށް ދެކި، އެމީހުންނަކީ އެއްބާރުލުން ނުދޭ ބައެއްގެ ގޮތުގައި ލޭބަލްކޮށް ރިޕޯޓް ކުރުމަކީ ވަގުތީ ފައިދާއެއް ހޯދިދާނެ ނަމަވެސް، ދުރު މުސްތަޤުބަލުގައި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ނާތަހުޒީބު އާދައެކެވެ. ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ އޮތީ ތަފާތު ވިސްނުންތަކަށް ފުރިހަމައަށް އިޙްތިރާމްކޮށް، އެކުވެރިކަމާއި އެކަކު އަނެކަކަށް އިތުބާރުކުރާ ޕްރޮފެޝަނަލް ސަގާފަތެއް އަށަގަންނުވައިގެންނެވެ. ތިމާއާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ޢަދާވާތްތެރިއަކަށް ނުހަދައި، އެމީހުންގެ އަޑުއަހައި، ޙިކުމަތްތެރިކަމާއެކު އެކުގައި ކުރިއަށް ދިއުމަކީ ތަހުޒީބު މުޖުތަމަޢަކަށް އަދި ކާމިޔާބު ކޮންމެ މުއައްސަސާއަކަށްވެސް ކޮންމެހެން ބޭނުންތެރި އެންމެ މުހިންމު ސިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

