ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން އިންތިޒާމުކުރި ކާބޯތަކެތީގެ މައުރަޒު ރަސްމީކޮށް ހުޅުވައިފިއެވެ.
މި މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްއެވެ.
މީދޫގެ ކުރީގެ ޝަމްސުއްދީން ސްކޫލްގައި މިއަދު ހަވީރު ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވިގެންދިޔައިރު، މި ރަސްމިއްޔާތުގައި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޞިނާންއާއި އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހުމާނުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި، އައްޑޫ މީދޫ ކައުންސިލްގެ ދަޢުވަތަކަށް އެ ރަށަށް ޒިޔާރަތްކުރެއްވި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ އެކި ފަރާތްތައް ހިމެނޭހެން ގިނަ ޢަދަދެއްގެ މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަދަ މައުރަޒެއް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށު ފެންވަރުގައާއި އަދި ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހިތްވަރު ދިނުމަކީވެސް މި މައުރަޒުގެ މުހިންމު އެއް އަމާޒެވެ.
މި މައުރަޒު ފާހަގަކުރެވިގެން ދިޔައީ އައްޑޫ ސިޓީގެ މުއްސަނދި އުފެއްދުންތެރިކަން ދައްކުވައިދިން މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައެވެ. އެގޮތުން، އައްޑޫގެ ދަނޑުވެރިންނާއި އަމިއްލަ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ތަފާތު ގިނަ ވައްތަރުގެ ކާބޯތަކެއްޗާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް މި މައުރަޒުގެ ތެރެއިން ވަނީ ދައްކާލެވި، ގިނަ ބައެއްގެ ސަމާލުކަމާއި ތަޢުރީފު މި އުފެއްދުންތަކަށް ލިބިގެން ގޮސްފައެވެ.
މި މައުރަޒަކީ މީދޫގެ އިތުރުން މުޅި އައްޑޫ ސިޓީގެ ދަނޑުވެރިކަމާއި ކާބޯތަކެތީގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

