ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ މީދޫގައި ބޭއްވި ދަނޑުވެރިންގެ މާރުކޭޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި މާރުކޭޓު ރަސްމީކޮށް ހުޅުވައިދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ.
”ވީކެންޑް މާރކެޓް“ ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ، ކޮންމެ ހަފުތާއެއްގެ ބަންދާ ދިމާކޮށް އެ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.
އައްޑޫ މީދޫ ކައުންސިލުން މިފަދަ މާރުކޭޓެއް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިންގެ ބުރަ މަސައްކަތުން އުފައްދާ ތާޒާ ތަރުކާރީއާއި މޭވާގެ އިތުރުން، އައްޑޫގެ އަމިއްލަ އެކި ކަހަލަ އުފެއްދުންތައް އިޝްތިހާރުކޮށް، އެ ތަކެތި ވިއްކުމުގެ ފަހި ފުރުޞަތުތަކެއް އުފައްދައިދިނުން ކަމަށް އައްޑޫ މީދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މި މާރުކޭޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވަނީ، ރާއްޖޭގެ ކާބޯތަކެތީގެ ދާއިރާއަކީ ނުހަނު މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަށްރަށުގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ބާޒާރަށް ނެރެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ ރަށުގެ އިޤްތިޞާދީ ދިރުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ މީދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މާރުކޭޓުގެ ސަބަބުން ދަނޑުވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ކަސްޓަމަރުންނާ ބައްދަލުވެ، އެކަށީގެންވާ އަގެއްގައި ތަކެތި ވިއްކުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނަށް އެއްތަނަކުން ތާޒާ ކާބޯތަކެއްޗާއި ރަށުގެ އަމިއްލަ އުފެއްދުންތައް ހެޔޮ އަގުގައި ލިބިގަތުމުގެ ފުރުޞަތު މި ހަރަކާތުގެ ސަބަބުން ތަނަވަސްވެގެންދާނެ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
މި ހަރަކާތް ފެށިގެން ދިޔުމާއެކު، މީދޫގެ ގިނަ އަދަދެއްގެ ދަނޑުވެރިންނާއި އާންމު ރައްޔިތުން ވަނީ މި މާރުކޭޓަށް ޒިޔާރަތްކޮށް، ދަނޑުވެރިންގެ މަސައްކަތްތަކަށް ބޮޑު ތަރުޙީބެއް ދީފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

