ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އައްޑޫ ސިޓީ މީދޫގައި ޤާއިމުކުރި ޚާއްޞަ ނާސަރީ ރަސްމީކޮށް ހުޅުފިއެވެ.
މި ނާސަރީ ރަސްމީކޮށް ހުޅުއްވައިދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
މީދޫގައި ހުޅުވުނު މި ނާސަރީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު ތަނެކެވެ. މިއީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އައްޑޫ މީދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
މި ނާސަރީގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، ދަނޑުވެރިންނަށާއި އާންމުންނަށް ފަސޭހަކަމާއެކު ގަސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރާއްޖޭގެ ފެހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލް މެންބަރުންގެ އިތުރުން މީދޫގެ ގިނަ އަދަދެއްގެ ދަނޑުވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

