ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން، އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން މުހިއްމު ޙަރަކާތްތަކެއް މީދޫގައި ބޭއްވުމަށް ވަނީ ރާވާފައެވެ.
މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރު 15 އިން 17 އަށެވެ.

ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ޙަރަކާތްތަކުގެ ތެރެއިން، ފުރަތަމަ ދުވަސް ކަމުގައިވާ 15 އޮކްޓޯބަރު 2026 ގެ ހެނދުނު 8:30 ގައި ނާސަރީ ސައިޓުގައި ނާސަރީ އިފްތިތާޙުކުރުން އޮންނާނެއެވެ. އެއަށްފަހު ހެނދުނު 10:00 ގައި ދަނޑުވެރިންގެ ނަމާދުގެ ހުޅުވުން ހަމަ އެ ސައިޓުގައި ކުރިއަށްދާނެއެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނަށް 10:30 ގައި ރިފްރެޝްމަންޓް އެރުވުމަށްފަހު، ހެނދުނު 10:45 ގައި އުރީދޫއާ ގުޅިގެން ހިންގާ ގަސްއިންދުމުގެ ޚާއްޞަ ޕްރޮގްރާމެއް ނާސަރީ ސައިޓުގައި ފެށިގެންދާނެއެވެ.
މީގެއިތުރުން ހަވީރު 16:30 ގައި މީދޫ ބަނދަރު ސަރަޙައްދުގައި ދަނޑުވެރިންގެ މާރުކޭޓު ހުޅުވުން އޮންނާނެއެވެ.
ދެވަނަ ދުވަސް ކަމަށްވާ 16 އޮކްޓޯބަރު 2026 ގެ ހެނދުނު 8:30 ގައި އައިޔޫއެމް (ކުރީގެ ޝަމްސުއްދީން ސްކޫލް) ގައި އޮންނާނީ ފުޑް އެގްޒިބިޝަންގެ ޖަޖުންގެ އެސެސްމަންޓް ސެޝަނެވެ. އަދި ހަވީރު 16:00 ގައި ފުޑް އެގްޒިބިޝަންގެ އިތުރުން ދަނޑުވެރިންގެ އުފެއްދުންތައް ދައްކާލުން އައިޔޫއެމްގައި އޮންނާނެއެވެ. މި ދުވަހުގެ ރޭގަނޑު 20:15 ގައި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ސ. އަތޮޅު މަދަރުސާގައި ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޙަރަކާތްތަކުގެ އެންމެ ފަހު ދުވަސް ކަމުގައިވާ 17 އޮކްޓޯބަރު 2026 ގެ ހެނދުނު 10:00 ގައި ސ. އަތޮޅު މަދަރުސާގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިންގެ މުސްތަޤުބަލާ ބެހޭގޮތުން ބާއްވާ ޚާއްޞަ މަޝްވަރާ ބައްދަލުވުމެކެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ދާއިރާ އިތުރަށް ތަރައްޤީކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.
މިފަދަ ޙަރަކާތްތަކަކީ ރަށުގެ ދަނޑުވެރިންގެ އަގުވަޒަންކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށް އެޅިގެންދާ ވަރަށް މުހިންމު އަދި ބޭނުންތެރި ހަރަކާތްތަކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

