ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުދޫ އަދި މީދޫގައި މައްސަލަޖެހި ނުހިންގިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށް، އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިގުލައިގޮސް، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. މި ބަދަލާއެކު އެ ކުންފުނިން ވަނީ އެ ސިޓީގެ ކަރަންޓު ވިއުގައާއި އިންޖީނުގެތަކުގެ ހާލަތު ދެނެގަނެ، މައްސަލަތައް ހައްލުކުރުމުގެ އަމަލީ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ފަށާފައެވެ.
"މި ކުންފުނިން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވި އިރު، މައްސަލަޖެހި ނުހިންގިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށް، މިހާރު ވަނީ އަލުން ބޭނުންކުރަން ފަށާފައި. މި ޖަނަރޭޓަރު ސެޓު އަލުން އޮޕަރޭޝަނަށް ގެނައުމާއެކު، ހުޅުދޫ އަދި މީދޫގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެ ރަށްތަކުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ، ކުންފުނީގެ ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން ހިފައިގެން، މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް ހިންގުމުގައި ދެމިތިބެ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން."
ސްޓެލްކޯގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.
ސްޓެލްކޯ އިން އިތުރަށް ބަޔާންކުރި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، އެކި ސަރަޙައްދުތަކުގައި މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް އޮޕަރޭޝަނަށް ގެނައުމުގައި ދެމިތިބުމެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ފުރިހަމަ ޚިދުމަތެއް ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން އައްޑޫގެ ކަރަންޓުގެ ޚިދުމަތާ ހަވާލުވުމުގެ ކުރިން، ވެރިރަށް މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު އެ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް، ޚިދުމަތުގެ ފެންވަރު ދަށްވެ، ދިމާވި އެކި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ.
އައްޑޫގެ ކަރަންޓު ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މި ބޮޑު ނިންމުމަކީ، ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސެޕްޓެމްބަރު 7 ގައި ނިންމެވި ނިންމެވުމާ ގުޅިގެން އެޅުނު ފިޔަވަޅެކެވެ. ޓެކްނިކަލް މާހިރުންގެ ލަފައާ ހަވާލާދެއްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ފެނަކައިގެ ހިންގުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެން ނެތުމުން، ސަރުކާރުން އެ ކުންފުނީގެ މަސައްކަތްތައް ހުއްޓާލުމަށް ނިންމެވީ ކަމަށެވެ.
ހުޅުދޫ އަދި މީދޫގެ 800 ކިލޯވޮޓުގެ ޖަނަރޭޓަރު މަރާމާތުކޮށް އަލުން ހިންގަން ފެށުމަކީ، އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ސްޓެލްކޯއިން ފަށާފައިވާ މަސައްކަތުގައި ކުރެވުނު އުންމީދީ އަދި މުހިންމު މަސައްކަތެކެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

