އިންޑިއާގެ އިންތިޚާބީ ދަފްތަރު އިސްލާހުކުރުމުގެ މަސައްކަތާ (އެސް.އައި.އާރު) މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ދިއްލީގެ އާކާޝްވާނީ ބަވަން ކައިރީގައި ގިނަ ގަޑިއިރުތަކެއް ވަންދެން ކުރިއަށްގެންދިޔަ ވަރުގަދަ އިހުތިޖާޖާ ގުޅިގެން ކޮންގްރެސްގެ އިސް ލީޑަރުން ކަމަށްވާ ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ވަދްރާ ދިއްލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔާނޭޝް ކުމާރާ ދެކޮޅަށް އާކާޝްވާނީ ބަވަން ކައިރީގައި ބޭއްވި އިށީނދެގެން ތިބުމުގެ މި އިހުތިޖާޖާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅު އިއްތިހާދުގެ އިތުރު ލީޑަރުންތަކެއް ވެސް ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕާލަމަންޓް މެންބަރުން ކަމަށްވާ ޕަވަން ކޭރާ، ކޭ.ސީ. ވޭނުގޯޕާލް އަދި އަމްރިންދަރު ސިންގް ރާޖާ ވާރިންގް ހިމެނެއެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައިރު، ނިއުދިއްލީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސަޗިން ޝަރްމާ ވަނީ އިސްކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އިންޑިއަން ޔޫތު ކޮންގްރެސްގެ ރައީސް އުދޭ ބާނޫ ޗިބް ހިމެނޭހެން ޔޫތު ކޮންގްރެސް އަދި އެން.އެސް.ޔޫ.އައި ގެ ބައެއް ލީޑަރުން ވެސް ވަނީ ކުރިން އެ ސަރަހައްދުން ހައްޔަރުކޮށްފައެވެ.
ކޮންގްރެސްގެ ލީޑަރުން މަގުމަތީގައި އިށީނދެގެން ތިބެ އިހުތިޖާޖު ކުރަން ފެށީ، އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ މައި އިދާރާ ކަމަށްވާ ނިރްވާޗަން ސަދަންއަށް "އިންޑިއާ" އިއްތިހާދުގެ ލީޑަރުން ހިނގާފައި ދަނިކޮށް ފުލުހުން ހުރަސްއެޅުމާ ގުޅިގެންނެވެ. މިއީ އިންތިޚާބީ ދަފްތަރު އިސްލާހުކުރުމުގެ މަސައްކަތާ ގުޅިގެން "ޑިމޮކްރަސީ ސަލާމަތްކުރުމަށް" އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ފުޅާ ކެމްޕޭނެއްގެ ބައެކެވެ.
މި އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވި ކޮންގްރެސްގެ ޖެނެރަލް ސެކްރެޓަރީ ކޭ.ސީ. ވޭނުގޯޕާލް ވިދާޅުވީ، އެ ބޭފުޅުންގެ ހުށަހެޅުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބެނީސް މި އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ. އަދި "ވޯޓު ވަގުންގެ" ކިބައިން ޑިމޮކްރަސީ ސަލާމަތް ނުކުރެވެނީސް ފަސްނުޖެހޭނެ ކަމަށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ރާހުލް ގާންދީ ވަނީ އިންޑިއާގެ މަރުކަޒީ ސަރުކާރަށާއި އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އިލެކްޝަން ކޮމިޝަނަރުން އިދިކޮޅު ލީޑަރުންނާ ބައްދަލުކުރައްވައި، ދަފްތަރު އިސްލާހުކުރުމުގެ މަސައްކަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދާރީވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ދާޚިލީ ވަޒީރު އަމިއްލަ އެދުމަށްޓަކައި މުޅި ގައުމާއި އިންތިޚާބީ ނިޒާމު ހިސާރުކުރައްވާފައިވާ ކަމަށް ވެސް ރާހުލް ތުހުމަތުކުރެއްވިއެވެ.
މި ހަމަނުޖެހުންތައް ހިނގަމުންދިޔަ ދަނޑިވަޅުގައި، އިހުތިޖާޖު ނިންމުމަކަށް ގެނައުމަށްޓަކައި ދާޚިލީ ވުޒާރާއިން ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީއާ ގުޅާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތައް ޕްރެސް އިންފޮމޭޝަން ބިއުރޯ (ޕީ.އައި.ބީ) އިން ވަނީ ދޮގުކޮށްފައެވެ. އަދި އިލެކްޝަން ކޮމިޝަނަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބެނީސް އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް ކޮންގްރެސްގެ ލީޑަރުން ސަރުކާރުގެ އޮފިޝަލުންނަށް އަންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޕީ.އައި.ބީ ފެކްޓް ޗެކްއިން ވަނީ ސައްޙަ ނޫން މަޢުލޫމާތުތަކަށް އިތުބާރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އިދިކޮޅު ލީޑަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި މިވަނީ، އިލެކްޝަން ކޮމިޝަންގެ މައި އިދާރާއަށް ގޮސް ކޮމިޝަނަރުންނާ ބައްދަލުކުރުމަށް ކުރި މަސައްކަތުގައި، ފުލުހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ގިނަ ގަޑިއިރުތަކެއް ވަންދެން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމަށްފަހުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

