ކޮލްކަޓާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި އިންޑިއާގެ މައްޗަށް ބްރެޒިލުން ކުރިހޯދީ އެޓީމުގެ މޮޅު ކުޅުން ދައްކާލައި 4-0 ގެ ނަތީޖާއަކުންނެވެ.
ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅުނު ބްރެޒިލް ޓީމަށް މި މޮޅު ހޯދައިދިނުމުގައި ފުރަތަމަ ހާފުގައި އެސްޓެވާއޯ އާއި ޕެޑްރޯ ލަނޑުތައް ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސާމިއުލް ލީނޯ ވަނީ ދެ ލަނޑު ޖަހާފައެވެ.

އަންޗެލޮޓީ ވަނީ ސޯލްޓް ލޭކް ސްޓޭޑިއަމަށް ހާޒިރުވި ސަޕޯޓަރުން އުފާކޮށްދިނުމުގެ ގޮތުން، ވިނީޝިއަސް ޖޫނިއާ އާއި މާކީނިއޯސް އަދި އެސްޓެވާއޯ ފަދަ ތަރިން ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.
މެޗުގެ ކުރީކޮޅު އިންޑިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ކައުންޓަރ އެޓޭކްތަކުގައި މަންވީރު ސިންގް އާއި ރަޔަން ވިލިއަމްސް ވަނީ ފުރަތަމަ 27 މިނެޓުގެ ތެރޭގައި ދުނިޔޭގެ ފަސް ފަހަރުގެ ޗެމްޕިއަނުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައެވެ.

ނަމަވެސް، 28 ވަނަ މިނެޓުގައި އެސްޓެވާއޯ ކަނާތްފަރާތުން އަރައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ވަދެ ބްރެޒިލަށް ކުރިހޯދައިދިނެވެ. މި ބޯޅަ ހުއްޓުވުމުގައި އިންޑިއާގެ ގޯލްކީޕަރު ގުރްޕްރީތު ސިންގް ސަންދޫއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.
އިންޑިއާގެ ގޯލްކީޕަރުގެ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ބްރެޒިލުން ދެވަނަ ލަނޑު ކާމިޔާބުކުރީ 42 ވަނަ މިނެޓުގައެވެ. އެސްޓެވާއޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ ފޮނުވާލި ހަމަލާ ގުރްޕްރީތުގެ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަނީއެވެ.

ދެވަނަ ހާފުގައި ވެސް އިންޑިއާއިން ކައުންޓަރ އެޓޭކްތަކުގައި ނުރައްކާ ކުރިއެވެ. އެގޮތުން ރަޔަން ވިލިއަމްސް ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގުމަތިން ދިފާއުކުރިއިރު، މަންވީރު ސިންގްއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.
އެހެންނަމަވެސް، 58 ވަނަ މިނެޓުގައި އިންޑިއާގެ ޑިފެންޑަރު ބިޖޯއީ ވަރްގީސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ސާމިއުލް ލީނޯ ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފަހުވަގުތު، އިތުރު ވަގުތުގެ ތެރޭގައި ލީނޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

