ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެނަދަވާ މަސައްކަތްތަކާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫއަށް މިވަނީ ތާރީޚީ މުހިންމު ބަދަލެއް އައިސްފައެވެ.
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އަދި މެނޭޖްމަންޓުގެ އިސްވެރިންގެ ވަފުދެއް ( 2 އޮކްޓޯބަރ 2026 ވަނަ ދުވަހ) މީދޫއާއި ހުޅުދުއަށް ޒިޔާރަތްކުރައްވައި، އެ ދެ ރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުން އައި ކަރަންޓްގެ ޚިދުމަތާއި ސްޓެލްކޯއިން މިވަނީ ރަސްމީކޮށް ހަވާލްވެފައެވެ. މި މުހިންމު ބަދަލަކީ ރަށްޔިތުންނާއި މިދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ލިބިގެންދިޔަ ވަރަށްބޮޑު އުއްމީދެކެވެ.

ހުޅުމީދޫ އިންޖީނުގޭގެ ޚިދުމަތް ސްޓެލްކޯއަށް ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އިންޖީނުގޭގައި ދިވެހި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ހަމައެއާއެކު، ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށްފަހު، މެނޭޖިންގ ޑިރެކްޓަރާއި ކުންފުނީގެ އިސްވެރިން ވަނީ އިންޖީނުގެ ބައްލަވާ ލައްވާފައެވެ. . މިގޮތުން އިންޖީނުގޭގެ ޖަނަރޭޓަރުތަކުގެ ޙާލަތާއި، ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ހުރި މިންވަރު ވަރަށް ގާތުން ބައްލަވާލެއްވިއެވެ. މީގެ އިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތްތަކާއި، ކަރަންޓު ފޯރުކޮށްދިނުމަށް ހުރި ޓެކްނިކަލް ވަސީލަތްތަކުގެ މައުލޫމާތު ތަފްޞީލުކޮށް އޮޅުން ފިލުއްވިއެވެ. އަދި އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު ހަމަޖެހިފައިވާ ގޮތާއި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތައްވެސް އިސްވެރިން ވަނީ ބައްލަވާފައެވެ.
އިންޖީނުގެއާއި އޮފީސް ހިނގަމުންދާ ގޮތް ބެއްލެވުމުގެ މައިގަނޑު ބޭނުމަކީ ސްޓެލްކޯގެ މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޝަންތައް ބައްޓަންކުރުމެވެ. މިގޮތުން ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި ވަގުތުން ގެންނަންޖެހޭ ބަދަލުތަކާއި، ކުރިއަށް އޮތް ތަނުގައި ކުރަންހުރި މުހިންމު ކަންކަން ވަނީ ފާހަގަކުރެވިފައެވެ.
ސްޓެލްކޯގެ ޚިދުމަތްތައް އައު އުސްމިންތަކަކަށް ގެންދިއުމުގައި މުވައްޒަފުންގެ ދައުރު އިންތިހާއަށް ބޮޑުކަމަށްވާތީ، މެނޭޖިންގ ޑިރެކްޓަރުގެ މި ދަތުރުފުޅުގައި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެގޮތުން، ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައި ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގައި ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން ވަނީ ހުޅުދޫ އަދި މީދޫގައި މަސައްކަތްކުރާ އިންޖީނުގެގޭގެ ހުރިހާ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވަނީ ސްޓެލްކޯގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންކަން ފާހަގަކުރައްވާފައެވެ. ކުންފުންޏެއްގެ ސިފައިގައި ނުވަތަ ރައްޔިތުން އިތުބާރުކުރާ ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި ސްޓެލްކޯ މިއަދު ދެމިއޮތީ ފާއިތުވި ދުވަސްތަކުގައި މުވައްޒަފުން ކުރެއްވި ބުރަ އަދި އިޚްލާޞްތެރި މަސައްކަތުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މުވައްޒަފުންގެ މި އަގުހުރި ޚިދުމަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވަމުން، ކޮންމެ މުވައްޒަފަކީވެސް ކުންފުނީގެ އަގު ހިފަހައްޓައިދޭ މުހިންމު ބައިވެރިއެއްކަން ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއެކު، އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މެނޭޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ. ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިހުނަށްވުރެ ރަނގަޅު ކުރުމަށްޓަކައި އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކެތްތެރިކަމާއި އޯގާތެރިކަން އިސްކުރުމަކީ ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ. މުވައްޒަފުންގެ އަޚްލާޤާއި މަސައްކަތުގެ ތެދުވެރިކަމަކީ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ އެންމެ މުހިންމު އެއްބައިކަމަށްވެސް އަޒުވަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވުމަށްވެސް ޚާއްޞަ ވަގުތެއް ހޭދަކުރެއްވިއެވެ.
ރަށުގެ އެކި ސަރަހައްދުތައް ފުޅާވަމުން އަންނައިރު މިހާރުވެސް ކަރަންޓްގެ ޚިދުމަތް ނުލިބިހުރި ސަރަހައްދުތަކަށް ވީހާވެސް އަވަހަކަށް ކަރަންޓްގެ ދިއުމަކީ ރަށްޔިތުންގެ ވަރަށްބޮޑު އުއްމީދެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

