އަލަށް ކުރެވުނު ސައިންޓިފިކް ދިރާސާއަކުން ދައްކާގޮތުގައި ނިދިނައުމުގެ މައްސަލަ ނުވަތަ "އިންސޮމްނިއާ" އަކީ ސްޓްރޯކް ޖެހުމާއި ނަފްސާނީ ބޮޑެތި ބަލިތަކާ ނުހަނު ބޮޑަށް ގުޅުންހުރި ކަމެކެވެ. ދާއިމީކޮށް ރޭގަނޑު ނިދަން އުނދަގޫވާ މީހުންނަށް، ސިކުނޑީގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ސީރިއަސް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް މި ބޮޑު ދިރާސާއިން ވަނީ ހާމަވެފައެވެ. އެހެންކަމުން ސިކުނޑިއަށް ނިހާޔަތަށް ބޭނުންވާ އަރާމު ނިދި ހޯދާނެ ގޮތްތަކާއި، މިކަމުގެ ނުރައްކާތައް ދެނެގަތުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމެކެވެ.
މި ދިރާސާއިން ހާމަވާގޮތުގައި، ނިދިނައުމުގެ މައްސަލަ ހުންނަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު 26 އިންސައްތަ އިތުރުވާއިރު، އެކި ސަބަބުތަކާ ހުރެ ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު 28 އިންސައްތަ އިތުރުވެއެވެ. އިޓަލީގެ އައި.އާރް.ސީ.ސީ.އެސް އިންސްޓިޓިއުޓްގެ ދިރާސާވެރިއެއް ކަމަށްވާ ޑރ. ލޫކާ ވިގްނަޓެލީ ވިދާޅުވާގޮތުގައި، ނިދިނައުމަކީ ސިކުނޑިއާއި ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު އަންގައިދޭ އިންޒާރެއްގެ ގޮތުގައި ބަލައި، އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.
މި ހޯދުންތަކުން އެނގޭގޮތުގައި، ނިދިނައުމުގެ މައްސަލައާއި ސްޓްރޯކާ ހުރި ގުޅުމުގެ އިތުރުން، ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އާއި، މާޔޫސްވުން (ޑިޕްރެޝަން) އަދި އަމިއްލައަށް މަރުވުމަށް ހިތަށް އެރުން ފަދަ ނަފްސާނީ މައްސަލަތަކާވެސް މިކަމާ ގުޅުން އެބައޮތެވެ. އެހެންކަމުން، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ސިއްހީ ދުޅަހެޔޮކަމުގެ ތެރެއިން ނިދިނައުމުގެ މައްސަލައަށް ހައްލު ހޯދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ނިދިނައުމުގެ މައްސަލަ ނުވަތަ އިންސޮމްނިއާއަކީ ނިދަން އޮތުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު އޮވެމެ، ނިދަން އުނދަގޫވުން ނުވަތަ ގަދަ ނިދީގައި ގިނައިރު ނޯވެވުމެވެ. މިއީ ބައެއް މީހުންގެ މެދުގައި އެންމެ އާންމު ނިދީގެ ބައްޔެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ ފަސް މީހަކުން އެކަކަށް މި މައްސަލަ ކުރިމަތިވެއެވެ.
2025 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ހުރި މެޑިކަލް ޑޭޓާބޭސްތައް ބަލައި، 1.3 މިލިއަނަށްވުރެ ގިނަ މީހުން ހިމަނައިގެން ކުރި މި އައު ދިރާސާގައި ވަނީ ނިދިނައުމާ ގުޅުންހުރި ހަތް ސިއްހީ މައްސަލައެއް ބަލާފައެވެ. އޭގެ ތެރޭގައި ޑިމެންޝިއާ، ސްޓްރޯކް، ޑިޕްރެޝަން އަދި އަމިއްލައަށް މަރުވުން ފަދަ ކަންކަން ހިމެނެއެވެ.
މި ދިރާސާގެ މައިގަނޑު ހޯދުންތަކަކީ:
އަލްޒައިމާސް ބަލި ޖެހުމުގެ ފުރުސަތު ނިދިނައުމުގެ މައްސަލަ ހުންނަ މީހުންނަށް ބޮޑެވެ.
ނިދިނައުމުގެ މައްސަލަ ހުންނަ މީހުން ޑިޕްރެޝަނަށް ދިއުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ.
އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކާއި އެފަދަ އަމަލުތައް ހިންގުން މިފަދަ މީހުންގެ މެދުގައި އާންމެވެ.
ނިދިނައުމުގެ ސަބަބުން ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވަނީ ކީއްވެ؟
ސާފުކޮށް އަދި ނޭނގުނު ކަމުގައިވިޔަސް، ބައެއް އިލްމީ ތިއަރީތައް މިކަމުގައި އެބަހުއްޓެވެ. ދާއިމީކޮށް ނިދި މަދުވުމުން ހަށިގަނޑު އަބަދުވެސް އޮންނަނީ "ސްޓްރެސް" ހާލަތެއްގައެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ވިންދު އަވަސްވެ، ލޭހިނގާ ނާރުތަކަށް ބާރުބޮޑުވެއެވެ.
އަދި ހަށިގަނޑުގައި "ކޯޓިސޯލް" ހޯރމޯން މަތިވުމުގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގެ ދުޅަހެޔޮކަން ގެއްލި، ލޭގެ ނާރުތަކުގައި ސަރުބީ ގަނޑުވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯރމޯންތަކަށް ބަދަލު އައުމުން، ހަކުރު ބައްޔާއި ސަރުބީގެ މައްސަލަތައް ކުރިމަތިވެއެވެ. މި ހުރިހާ ކަމަކީވެސް ސްޓްރޯކް ޖެހުމަށް މަގުފަހިކުރާ ނުރައްކާތެރި ކަންކަމެވެ.
ސިކުނޑީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ކެރިން ޖޯންސަން ވިދާޅުވާގޮތުގައި، އަރާމު ނިދީގެ ސަބަބުން ސިކުނޑީގައި ހުންނަ ބޭކާރު މާއްދާތައް ސާފުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިއީ އަލްޒައިމާސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް ނުހަނު މުހިންމު ކަމެކެވެ. އާންމުކޮށް އަރާމުގައި ނިދާފައި އޮންނައިރު ލޭގެ ޕްރެޝަރު ދަށްވި ނަމަވެސް، ނިދީގެ މައްސަލަތައް ހުންނަ މީހުންގެ ލޭގެ ޕްރެޝަރު މަތިވެ، ނާރުތަކަށް ބޮޑެތި ގެއްލުންތައް ވެއެވެ.
ނިދުމާއި ސިކުނޑި ރައްކާތެރިކުރާނެ ގޮތް
އެމެރިކަން ހާޓް އެސޯސިއޭޝަނުން (AHA) ވަނީ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ އެންމެ މުހިންމު އަށް ކަމުގެ ތެރޭގައި "ނިދި" ހިމަނާފައެވެ. ރޭގަނޑު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދު އަރާމު ނިދި ހޯދުމަށްޓަކައި ތިރީގައިވާ ކަންކަމަށް އާދަކުރެވިދާނެއެވެ:
އަލި މަޑުކުރުން:
ނިދުމުގެ ކުރިން ގޭގެ ބޮކިތައް މަޑުކޮށް، ފޯނާއި ކޮމްޕިއުޓަރުގެ ސްކްރީންތަކުން ނިކުންނަ "ބްލޫ ލައިޓް" މަދުކުރާށެވެ. މިއީ ނިދަން އެހީތެރިވާ "މެލަޓޯނިން" ހޯރމޯން ހަށިގަނޑުގައި އުފެއްދުމަށް ފުރުސަތު ދިނުމަށެވެ.
ވަކި ތަރުތީބަކުން ނިދުން:
ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ނިދައި، ހެނދުނު އެއް ވަގުތެއްގައި ހޭލުމަށް އާދަކުރާށެވެ.
ނިދުމުގެ ކުރިން ހަމަހިމޭން ވަގުތުކޮޅެއް ހޯދުން:
ނިދުމުގެ 20 ނުވަތަ 30 މިނެޓު ކުރިން ފޯނާ ދުރުވެ، ފޮތް ކިޔުން ނުވަތަ ﷲ ހަނދުމަކޮށް ޒިކުރު ކުރުން ފަދަ ހިތްހަމަޖެހޭ ކަމެއް ކުރާށެވެ.
ފޯނު ނިއްވާލުން ނުވަތަ ދުރުގައި ބޭއްވުން:
ނިދި މެދުކެނޑޭ ފަދަ ނޯޓިފިކޭޝަންތައް އައުން ހުއްޓުވުމަށްޓަކައި ފޯނު "ޑޫ ނޮޓް ޑިސްޓާބް" މޯޑަށް ލުން ނުވަތަ އެނދާ ދުރުގައި ބާއްވާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް
