ދާދިފަހުން މީޑިއާތަކުން ފެނިގެންދިޔަ ޚަބަރަކީ އައްޑޫ ސިޓީގެ ފޭދޫގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށި، އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވި ވާހަކައެވެ.
ކުޅިވަރުގެ ދާއިރާއިން އައްޑޫ ސިޓީއަށް ލިބޭ ކޮންމެ ކުރިއެރުމަކީ އުފާކުރަންޖެހޭ ކަމެއް ނަމަވެސް، މި ޚަބަރާއެކު އައްޑޫ ސިޓީއާ ވަކިން އޮންނަ ހުޅުދުއާއި މީދޫގެ ރައްޔިތުންނާއި ޒުވާނުންގެ ހިތުގައި އުފެދުނީ ފުން ހިތާމައަކާއި މާޔޫސްކަމެކެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބަލާއިރު، ކުޅިވަރުގެ ވަސީލަތްތައް ނިސްބަތުން ވަރަށް ބޮޑަށް ޤާއިމުވެފައި އެބަހުއްޓެވެ. މިގޮތުން ހިތަދޫގައި މިހާރުވެސް ސަރުކާރުން ހިންގާ ޒުވާނުންގެ މަރުކަޒެއް ހުރިއިރު، އެތަނުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ފުރިހަމަ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބެޑްމިންޓަން ކުޅުމަށް ޚާއްޞަކޮށްގެން ހިތަދޫގައި ވަކި އިންޑޯ ހޯލެއް ޤާއިމުކޮށްފައިވާއިރު، މަރަދޫފޭދޫގައިވެސް ބެޑްމިންޓަން ކުޅުމަށް ޚާއްޞަ ފެންވަރު ރަނގަޅު އިންޑޯ ހޯލެއް އެބަހުއްޓެވެ. މަރަދޫފޭދޫގެ މި ހޯލުގެ ބޭނުން މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު އެއްގަމު މަގުން ގޮސް ހިފެއެވެ.
މިފަދަ ހުރިހާ ވަސީލަތްތަކެއް ގުޅިފައިވާ ރަށްތަކުގައި ހުރިއިރު، އަނެއްކާވެސް ފޭދޫގައި އިތުރު ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ނިންމުމަކީ ތަރައްޤީގެ ބަހާރު ހަމައެކަނި އެއް ސަރަޙައްދަކަށް އޮއްސާލުން ކަމުގައި ދެކެވިދާނެއެވެ. އެއްގަމު މަގުން ގުޅިފައިވާ ރަށްތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްގެން މި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުޞަތު އެންމެނަށް ލިބިފައިވާއިރު، ވަކިން އޮތް ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް މި ވަސީލަތްތަކުގެ އެއްވެސް ފައިދާއެއް ނުކުރެއެވެ. އެ ދެރަށުގައި ކުޅިވަރުގެ އިންޑޯގެ އެންމެ ވަސީލަތެއްވެސް ނެތް ޙާލަތުގައި، މިފަދަ ބޮޑު މަޝްރޫޢެއް ގުޅިފައިވާ ރަށަކަށް ދިއުމަކީ ހުޅުމީދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.
ޖޯގްރަފީ ގޮތުން އައްޑުއަތޮޅުގެ ހުޅުދުއާއި މީދޫ އޮންނަނީ އެހެން ރަށްތަކާ ވަކިން ކަމަށްވުމުން، އެ ރަށްތަކުގެ ކުޅުންތެރިންނަށް ގުޅިފައިވާ ރަށްތަކުގެ ހޯލުތަކަށް ގޮސް ކުޅުމަކީ ޢަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ކަނޑު ހުރަސްކޮށް ފެރީގައި ނުވަތަ ލޯންޗުގައި ކޮންމެ ދުވަހަކު ކުޅިވަރު ކުޅެން ދިއުމަކީ މާލީ ގޮތުންނާއި ވަގުތުގެ ގޮތުންވެސް ރައްޔިތުންނަށް އުފުލޭނެ ބުރައެއް ނޫނެވެ. އެހެންކަމުން، މިފަދަ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގައި ވަކިން އޮންނަ މީދޫއާއި ހުޅުދޫގެ މަޖުބޫރީ ޙާލަތަށް ރިޢާޔަތްކުރުމަކީ އިންޞާފުގެ ހަމައިން ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ހުޅުދުއާއި މީދޫއަށް ބަލާއިރު ބެޑްމިންޓަން ފަދަ އިންޑޯ ކުޅިވަރުތައް ކުޅޭނެ އެއްވެސް ވަސީލަތެއް މިހާތަނަށް ޤާއިމުވެފައެއް ނެތެވެ. މިކަމުގެ ސަބަބުން އެކުޅިވަރަށް ލޯބިކުރާ އެތައް ޒުވާނުންނެއްގެ ހުނަރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެއިތުރުން ހުވަދު އަތޮޅުގެ ކުދިކުދި ރަށްރަށުގައިވެސް ސަރުކާރުގެ ޚަރަދުގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީ ކޯޓުތައް އަޅައިދީފައިވާއިރު، ހުޅުދުއާއި މީދޫގައި މިފަދަ ޒަމާނީ ފެންވަރުގެ އެންމެ ވޮލީ ކޯޓެއްވެސް އަޅައިދީފައި ނެތުމަކީ ބަލައިގަންނަން އުނދަގޫ ޙަޤީޤަތެކެވެ. އައްޑޫ ސިޓީގެ ފެންވަރުގައާއި އަދި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެތައް މޮޅެތި ވޮލީ ކުޅުންތެރިންނެއް މިއަދުވެސް ހުޅުދުއާއި މީދޫގައި އެބަތިއްބެވެ.
މިހާރު ސަރުކާރުން ހުޅުދުއާއި މީދޫގައި ފިޓްނަސް ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމީ ރައްޔިތުން ވަރަށް އުފަލާއެކު ބަލައިގަންނަ އަދި ޝުކުރުވެރިވާ ކަމެކެވެ. ނަމަވެސް، ޙަޤީޤަތަކީ ހަމައެކަނި ފިޓްނަސް ސެންޓަރަކުން ހުޅުމީދޫގެ ޒުވާނުންގެ ކުޅިވަރުގެ ބޭނުންތައް ފުއްދައިނުދެވޭނެ ކަމެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގެ އިތުރުން، ވާދަވެރި އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރާ ކުޅިވަރުތައް ކުޅެވޭނެ ފުރިހަމަ ސްޕޯޓްސް ކޮމްޕްލެކްސްއަކަށް މި ދެރަށް މިއަދު އޮތީ އިންތިހާއަށް ބޭނުންވެފައެވެ.
އެހެންކަމުން، ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ތެރެއިން ހުޅުދުއާއި މީދޫއަށް ޚާއްޞަ އިސްކަމެއް ދީގެން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ނޫނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކޮށްދިނުމަކީ މި ދެރަށުގެ އެންމެހައި ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
ކުޅިވަރުގެ ޢުމްރާނީ ވަސީލަތްތައް ބިނާކުރުމުގައި ރަށްރަށުގެ ޖޯގްރަފީ އެކަހެރިކަމަށް ރިޢާޔަތްކޮށް، ވަކިން އޮންނަ މުޖުތަމަޢުތައް ބާކީނުކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު އަސާސެވެ.
ހުޅުދުއާއި މީދޫގެ ޒުވާނުންގެ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، މިފަދަ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ މަޝްރޫޢު އަވަސް މުސްތަޤުބަލެއްގައި މި ދެރަށުގައި އިފްތިތާޙުވެގެން ދިއުމަކީ މިއަދު މުޅި އައްޑޫގެ ތަރައްޤީއަށްޓަކައިވެސް ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

