އައްޑޫ މީދޫއަކީ މުޅި އައްޑޫ ސިޓީއަށާއި ރާއްޖޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅެތި ފިރިހެން ވޮލީބޯޅަ ކުޅުންތެރިންތަކެއް އުފެދިފައިވާ ޚާއްޞަ ވޮލީ ބޯޅައިގެ ރަށެކެވެ.
ވޭތުވެދިޔަ ދިގު މާޒީގައި އެ ރަށުން ފެނިގެންދިޔަ ތަޖުރިބާކާރު ކުޅުންތެރިން ރިޓަޔަރ ކުރި ނަމަވެސް، އޭގެ ފަހުންވެސް އަމިއްލަ ޝައުޤުވެރިކަމާއި ބުރަ މަސައްކަތުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ވަނީ އުފެދިފައެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ކުރީގެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފައިގެން އައު ޖީލެއް ބިނާކުރުމަށް ރޭވުންތެރި މަސައްކަތްތަކެއް ކުރުމުގެ ބޭނުންތެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

# މީދޫގެ ވޮލީގެ މާޒީއާއި ތަޖުރިބާކާރު ކުޅުންތެރިންގެ މިހާރުގެ ހަރަކާތްތެރިކަން
އައްޑޫ މީދޫގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު، ވޮލީބޯޅައަކީ އަބަދުވެސް ރަށުގެ ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ އެއް ކުޅިވަރެވެ. މިގޮތުން މީގެ ކުރީން ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި ވިދާލި މޮޅެތި ކުޅުންތެރިން ކުޅުން ހުއްޓާލުމަށްފަހުވެސް، އެ މަގުން ހިނގައިގެން އިތުރު ކުޅުންތެރިންތަކެއް އުފެދިގެން ދިޔައެވެ. މި ކުޅުންތެރިންނަކީ އެއްވެސް ޚާއްޞަ އެކެޑަމީއަކުން ނުވަތަ ޕްރޮފެޝަނަލް ތަމްރީނުތަކަކުން ނުކުތް ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކުޅިވަރަށް އޮތް ލޯތްބާއި، އަމިއްލަ ފަރުދީ މަސައްކަތުންނާއި، ހަވީރު ގަޑީގައި ކުޅޭ ކުޅުމުގެ ތެރެއިން ހުނަރު ތަރައްޤީކޮށްގެން ފާހަގަކޮށްލެވޭ ފެންވަރަކަށް ވާސިލުވި ހުނަރުވެރިންނެވެ. މިގޮތުން އުފެދުނު ކުޅުންތެރިން ވަނީ އެކި މުބާރާތްތަކުގައި މީދޫގެ ނަން ރަން އަކުރުން ފަވާލަދީފައެވެ.
ޒަމާނާއެކު ދުވަސްތައް ފާއިތުވެ، ފަހުގެ ޖީލުތަކުގައި ވިދާލި ބައެއް މޮޅެތި ކުޅުންތެރިންވެސް މިހާރު ވަނީ ވާދަވެރި ކުޅުމާ ދުރަށް ޖެހިލާ ނުވަތަ ރިޓަޔަރމަންޓުގެ އިންފާރާ ހަމައަށް ވާސިލުވެފައެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިން މިހާރު ދިރިއުޅެމުންދަނީ ރަށުގައި ވަޒީފާ އަދާކުރަމުންނެވެ. ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތަކާ އެކުގައިވެސް، އެ ފަރާތްތަކުން ދަނީ އަމިއްލަ ފިޓްނަސް ހިފެހެއްޓުމަށާއި ކުޅިވަރުގެ ރޫޙު ދެމެހެއްޓުމަށްޓަކައި ރަށުގައި މިހާރު ވޮލީ ކުޅޭ ޒުވާނުންނާއެކު ގަވާއިދުން ކޯޓަށް ނުކުމެ ވޮލީ ކުޅެމުންނެވެ. މިއީ ރަށުގެ ވޮލީގެ ވެށި ދިރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް މުހިންމު ކަމަކީ، މި ތަޖުރިބާކާރު ކުޅުންތެރިން ރަށުގެ އަންހެން ވޮލީ ކުޅުންތެރީންނަށް ދެމުންގެންދާ އެއްބާރުލުމެވެ. ރަށުގައި ވޮލީ ކުޅޭ އަންހެން ކުޅުންތެރިންގެ ކުޅުން ރަނގަޅުކޮށް، އެ ކުޅުންތެރިން މުބާރާތްތަކަށް ތައްޔާރުކުރުމަށްޓަކައި ދޭތެރެ ދޭތެރެއިން ކޯޗުކޮށްދީ، ފަންނީ ލަފައާއި އިރުޝާދު ދެމުންދާ މަންޒަރު ފެނިގެންދެއެވެ.
އެހެންނަމަވެސް، މި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން އަންހެން ކުޅުންތެރީންނަށް ދެމުންދާފަދަ ސަމާލުކަމާއި ތަމްރީނުގެ ފުރުޞަތުތައް ރަށުގެ ޒުވާން ފިރިހެން ކުދިންނަށް ލިބެމުން ނުދާކަން އެއީ ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. ރަށުގައި ހުނަރުވެރި ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރުން ތިބިއިރު، އެ ފަރާތްތަކުގެ ހުނަރު ކުރިއަށް އޮތް ޖީލަށް ފޯރުކޮށްދިނުމަކީ ރަށުގެ ވޮލީގެ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މިކަން ނުކުރެވިއްޖެނަމަ، މީދޫގެ ފިރިހެން ވޮލީގެ ރަން ޒަމާން އޮބި، މޮޅެތި ކުޅުންތެރިން އުފެދުމުގެ ސިލްސިލާއަށް ބޮޑު ހުއްޓުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.
# އައު ޖީލެއް ބިނާކުރުމަށް އެކެޑަމީ އުސޫލުން ތަމްރީނު ދިނުމުގެ މުހިންމުކަން
ރަށުގައި ތިބި ފިރިހެން ކުދިންގެ ތެރެއިން ވޮލީ ކުޅުމުގެ ޤާބިލުކަން ހުރި އަދި އެ ކަމަށް ޝައުޤުވެރިވާ ކުދިން އެއްކޮށްގެން، ޚާއްޞަ ޕްލޭނެއްގެ ދަށުން ތަމްރީނު ދޭން ފަށައިފިނަމަ މަތީ ފެންވަރުގެ ކުޅުންތެރިންތަކެއް އަނެއްކާވެސް އުފެއްދިދާނެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ޒުވާނުން ވޮލީ ކޯޓަށް ނުކުންނަނީ ހަމައެކަނި ވަގުތު ފާއިތުކުރުމުގެ ގޮތުން ނުވަތަ މަޖަލަކަށެވެ. އެހެންނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިން އިސްނަގައިގެން އެ ކުދިންނަށް އަސާސީ ހުނަރުތަކާއި، ޓެކްޓިކްސް އަދި ކުޅިވަރުގެ އަޚްލާޤު ދަސްކޮށްދޭން ފަށައިފިނަމަ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޤައުމީ ފެންވަރުގައި ވާދަކުރެވޭނެ ވަރުގެ ޓީމެއް ބިނާކުރެވޭނެ ކަމާމެދު ޝައްކެއް ނެތެވެ.
މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ރަށުގައި މިހާރުވެސް ކާމިޔާބުކަމާއެކު ހިންގަމުންދާ ފުޓްބޯޅަ އެކެޑަމީތަކުގެ މޮޑެލް ބޭނުންކުރެވިދާނެއެވެ. އެގޮތުން ކުޑަކުދިންނާއި ޒުވާނުންނަށް ޚާއްޞަކޮށްގެން ކޮންމެވެސް ވަރެއްގެ ކުޑަ ފީއެއް ނަގައިގެން ވޮލީބޯޅަ އެކެޑަމީއެއް ޤާއިމުކުރުމަކީ މިހާރުން މިހާރަށްވެސް ކުރެވެން އޮތް ވަރަށް މުހިންމު ކަމެކެވެ. މިފަދަ އެކެޑަމީއެއްގެ ސަބަބުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ވަކި އުސޫލަކުން އަދި ޕްރޮފެޝަނަލް މިންގަނޑަކުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ފީއެއް ނަގައިގެން އެކެޑަމީ ހިންގުމަކީ ކޯޗުންގެ ގޮތުގައި މަސައްކަތްކުރާ ތަޖުރިބާކާރު ކުޅުންތެރިންނަށްވެސް މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބި، އެކަމަށް ވަގުތު ދިނުމަށް ލިބޭނެ ބާރެކެވެ. ހަމައެއާއެކު، ބެލެނިވެރިންވެސް އެމީހުންގެ ދަރިން އެކަމަށް ފޮނުވުމުގައި ޒިންމާދާރުކަން އިތުރުވެ، ފަރިތަކުރުންތަކަށް ކުދިން ގަވާއިދުން ފޮނުވުމަށް ބާރުއެޅޭނެއެވެ. ތަމްރީނަށް ބޭނުންވާ ސާމާނު ހޯދުމަށާއި، ކޯޓު މަރާމާތުކޮށް ބެލެހެއްޓުމަށްވެސް މިފަދަ ނިޒާމެއްގެ ތެރެއިން ފަސޭހަވެގެންދާނެއެވެ.
އަންހެން ކުޅުންތެރިންނަށް މިހާރުވެސް ދެމުންގެންދާ ފަދަ އިރުޝާދާއި އެހީތެރިކަން، ޒުވާން ފިރިހެން ކުދިންނަށްވެސް ފޯރުކޮށްދީގެން ފިރިހެން ކުޅުންތެރީން އުފެއްދުމަށް މަސައްކަތް ކުރުމަކީ މުޅި ރަށުގެ ކުޅިވަރަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީދޫގައި ވޮލީގެ މުއްސަނދި ތާރީޚެއް އޮތްއިރު، އެ ތާރީޚު ދަމަހައްޓައި، އައު ޖީލުތަކަކަށް އެ ހުނަރު ވާރުތަކޮށްދިނުމަކީ ރަށުގެ ވޮލީގެ ޚިދުމަތްތެރިންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ޤައުމީ ވާޖިބެކެވެ. ރޭވުންތެރިކަމާއެކު މި މަސައްކަތް ފަށައިފިނަމަ، އައްޑޫ މީދޫއަކީ އަނެއްކާވެސް ރާއްޖޭގެ ވޮލީގެ މައި އެއް މަރުކަޒަށް ވެގެންދާނެކަން ކަށަވަރެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

