ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރި ކަމަށް ބުނެވޭ އައްޑޫ މީދޫގެ ތާރީޚީ ޙަޤީޤަތްތައް ހޯދައި ދިރާސާކުރުމަށް ޢާންމު ރައްޔިތަކު ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ ހއ. އުތީމަށް ނިސްބަތްވާ ޙުސައިން ނަޞީރެވެ. ހުސެން ނަސީރު މިގޮތައް ގޮވާލެއްވީ ހުސެން ނަސީރު ދާދިފަހުން މީދުއަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު " ވޮއިސް އޮފްމީދޫއަށް" ފޮނުއްވި ލިއުއްވުމެއްގައެވެ.
ހއ. އުތީމު ޙުސައިން ނަޞީރު ފޮނުއްވި ލިޔުމުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ވިދާޅުވީ އައްޑޫ މީދޫގައި ހުންނަ ތާރީޚީ ކޯގަންނު ޤަބުރުސްތާނުން މިކަމާގުޅޭ ވަރަށް އަގުހުރި ހެކިތަކެއް ފެންނަންހުރި ތަނެއްކަން ފާހަގަކުރައްވާފައިވެއެވެ. އެތަނުގައި ހުރި އާދަޔާ ޚިލާފު ބޮޑެތި ހިރިގަލުގެ މަހާނަގާތަކާއި، އެ ގާތަކުގައިވާ ފުރިހަމަ މަސައްކަތްތެރިކަމަކީ އެ ރަށުގެ މާޒީގެ މުއްސަނދިކަން ހާމަކޮށްދޭ އަލިގަދަ ހެއްކިތަކެއްކަމަށް ހުސެންގެ ލިއުމުގައި ބުނެފައިވެއެވެ. މީގެއިތުރުން، އެ ތަނުގައި ފަސްދާނުލެވިފައިވާ ފަނޑިޔާރުންނާއި ޢިލްމުވެރިންގެ އަދަދަށް ބަލާއިރު، އިހުޒަމާނުގައި މާލޭގެ ކޯޓުތަކަށް މައްސަލަތައް ބެލުމަށް މީދޫއިން ފަނޑިޔާރުންނާއި ޤާޟީން ގެންދިޔަ ކަމަށް ބުނާ ބުނުމަކީ ޙަޤީޤަތަކަށް ވުން އެކަށީގެންވާ ކަމެއް ކަމަށް ވެސް ހުސެންގެ ލިއުމުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ދަތުރުފަތުރުގެ ދަތި ޒަމާނެއްގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި މާލެއިން ޢިލްމު ހޯދުމަށްޓަކައި މީދޫއަށް މީހުން ޒިޔާރަތްކޮށް ތަޢުލީމު ޙާޞިލުކުރި ކަމަށް ބުނާ ބުނުމަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫންކަން ޙުސައިން ނަޞީރު ފާހަގަކުރެއްވިއެވެ. މިފަދަ އެތައް ސަބަބުތަކަކާ ހުރެ، ރާއްޖެއިން އެންމެ ފުރަތަމަ އިސްލާމްދީން ފެތުރިގެން އައީ މީދޫން ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށާއި، މިކަމަކީ ޢިލްމީ ގޮތުން ދިރާސާކުރަންޖެހޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކޭކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރާ ފަރާތްތަކުން މި މައްސަލައިގެ ޙަޤީޤަތް ރަނގަޅަށް ހޯދައި، މީދޫއަށް ލިބެންޖެހޭ ޙައްޤު ޝަރަފު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޙުސައިން ނަޞީރު ވަނީ ގޮވާލައްވާފައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި، އެންމެ ފުރަތަމަ އިސްލާމްވި ރަށް ކަމަށް ބުނެވޭ ރަށުގައި އިސްލާމީ ޢިލްމާއި ތާރީޚު ކިޔަވައިދޭނެ ފުރިހަމަ އިސްލާމިކް ސެންޓަރަކާއި، ޤައުމީ ފެންވަރުގެ ބޮޑެތި ބިނާތައް ހުންނަންޖެހޭނެ ކަމަށް އޭނާގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ރަށުގެ މަލަމަތިން އިސްލާމްދީން ރަމްޒުކޮށްދޭ ބޮޑު މިސްކިތެއް ފެންނަން ނެތުމަކީ ސަރުކާރުތަކުން މީދުއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މީދޫގެ ރައްޔިތުން ތިމާވެއްޓަށް ލޯބިކުރާ މިންވަރާއި، ރަށުގައި ޖަމްޢިއްޔާތަކާއި ރައްޔިތުން ގުޅިގެން ހަދާފައިވާ ހިތްގައިމު ޕާކުތަކާއި މައިދާންތަކުގެ ރީތިކަމަށް ވެސް އޭނާގެ ލިއުމުގައި ތަޢުރީފު ކުރެއްވިއެވެ.
ރަށުގެ ބައެއް މަގުތަކެއް ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދާފައިވުމުގެ އިތުރުން، މަގުތަކުގައި މައުއަޅާ ގަސްތައް އިންދައި ބަލަހައްޓަމުންދާ ފުރިހަމަ ގޮތްތަކަކީ އެހެން ރަށްރަށަށް ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ޤުދުރަތީ އަދި އިޖުތިމާޢީ ރީތި ސިފަތަކަކާއެކު، ރަށުގެ ތާރީޚީ އަގު ވަޒަންކުރުމަކީ މުޅި ޤައުމުގެ ކުރިއެރުމާ ވެސް ގުޅިފައިވާ ކަމަށްވެސް ހުސެންގެ ލިއުމުގައި ފާހަގަ ކުރައްވާފައިވެއެވެ.
ދިވެހި ތާރީޚުގެ ފަތްފުށްތަކުން ފެންނަން ހުރި ހެކިތަކުގެ އަލީގައި މީދޫގެ ދައުރު އަލުން ވަޒަންކުރުމަކީ ތާރީޚީ ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކަމަށް ހުސެންގެ ލިއުން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ. އެހެންކަމުން، ކަމާބެހޭ އިދާރާތަކާއި ތާރީޚު ދިރާސާކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފުޅާ ދާއިރާއެއްގައި އިތުރު ދިރާސާތައް ކުރުމަކީ ދިވެހި އުއްމަތުގެ އަސްލު ތާރީޚު ދެނެގަތުމަށް ކޮށޭނެ މުހިންމު ކަމެއްކަމަށްވެސް ހުސެންގެ ލިއުން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

