ދިވެހި ދައުލަތަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުޙައްމަދު ޢަލީ މިރޭ އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 67 އަހަރުގައި ޑރ. މުޙައްމަދު ޢަލީ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޑރ. މުޙައްމަދު ޢަލީއަކީ ސަރުކާރުގެ އެކި ދާއިރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވައި، ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމުގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަޤާމު ފަދަ ޒިންމާދާރު އެތައް މަޤާމުތަކެއް އެމަނިކުފާނު ވަނީ ފުރިހަމަ ޤާބިލުކަމާއެކު އަދާކުރައްވާފައެވެ.
ޑރ. މުޙައްމަދު ޢަލީގެ ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި ދައުލަތުގެ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފުން ހިތާމައެކެވެ.
މާތް ﷲ، ޑރ. މުޙައްމަދު ޢަލީގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ފާފަ ފުއްސަވައި، ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

