ހއ. އުތީމުގެ މަގުމަތީ ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ ފެނަކަ ކޯޕަރޭޝަންގެ އުތީމު ބްރާންޗުން ކަމަށް އެ ބްރާންޗުގެ މެނޭޖަރު ޙުސައިން ވިދާޅުވެއްޖެއެވެ.
މެނޭޖަރު ޙުސައިން މިކަން ހާމަކުރެއްވީ، އެމަނިކުފާނު ދާދިފަހުން އައްޑޫ ސިޓީގެ މީދޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރަށް ތަފުސީލު ދެއްވަމުން ޙުސައިން ވިދާޅުވީ، އުތީމުގެ މަގުބައްތިތައް މަރާމާތުކުރުމުގެ ޒިންމާއާ އުތީމު ފެނަކައިން ހަވާލުވީ ވަކި ފަރާތަކުން އަންގައިގެން ނޫން ކަމަށެވެ. އެ މަސައްކަތާ ހަވާލުވީ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކޮންމެވެސް ރަނގަޅު ޚިދުމަތެއް ކޮށްދިނުމުގެ މަތިވެރި މަޤުޞަދުގައި، އުތީމު ބްރާންޗުގެ ހީވާގި މުވައްޒަފުން އަމިއްލައަށް އެދިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި މަސައްކަތް ކުރިއަށްދާ ގޮތް ބަޔާންކުރައްވަމުން ޙުސައިން ވިދާޅުވީ، މަގުބައްތިތައް މަރާމާތު ކުރުމަށް ބޭނުންވާ އެންމެހައި ސާމާނު ރަށު ކައުންސިލުން ފޯރުކޮށްދިނުމުން، އެ މަސައްކަތް ފެނަކަ މުވައްޒަފުން ކޮށްދެމުން ގެންދަނީ މުޅިން ހިލޭ ސާބަހަށް ކަމަށެވެ.
މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރަންޖެހޭ ޚަރަދު ސަލާމަތްކޮށްދީ، އެ ފައިސާ ރަށުގެ އެހެނިހެން މުހިންމު ކަންކަމަށް ޚަރަދުކުރުމުގެ ފުރުޞަތު ކައުންސިލަށް ފަހިކޮށްދިނުން ކަމުގައިވެސް ޙުސައިން ވިދާޅުވިއެވެ.
ފެނަކަ އުތީމު ބްރާންޗުގެ މުވައްޒަފުންގެ މި އިސްނެގުމަކީ އިޖުތިމާޢީ ޒިންމާގެ ދަށުން ރަށުގެ ކުރިއެރުމަށް ދެވޭ ވަރަށް އަގުހުރި އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ޚިދުމަތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

