ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި އަލް އަޞްރު ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ފީ ބުޔޫތު" ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ދަށުން، ވަރަށް ޚާއްޞަ ދަރުސެއް މިރޭ މީދޫ މާމިސްކިތުގައި ބާއްވައިފިއެވެ. ހިލާލް ޖަމްޢިއްޔާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ދަރުސް އޮތީ މިރޭގެ މަޣްރިބް ނަމާދަށްފަހު އައްޑޫ މީދޫ މާމިސްކިތުގައެވެ.
"ޢުޒައިރުގެފާނުގެ ވާހަކަ" މި މައުޟޫޢަށް މި ދަރުސް ދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް މުޙައްމަދު ޠައްޔިބެވެ.
ޝެއިޚް ޠައްޔިބުގެ ވާހަކަފުޅުގައި، ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 259 ވަނަ އާޔަތުގައި ބަޔާންވެގެންވާ ޢުޒައިރުގެފާނުގެ ޢިބްރަތްތެރި ވާހަކަ ވަރަށް ތަފްޞީލުކޮށް އަދި އަސަރުގަދަ ގޮތެއްގައި ބަޔާންކޮށްދެއްވިއެވެ.
ޝެއިޚްގެ ވާހަކަފުޅު ފަށްޓަވަމުން ވިދާޅުވީ، ޢުޒައިރުގެފާނަކީ ބަނީ އިސްރާއީލް ބާގައިގެ ތެރެއަށް ފޮނުއްވުނު ޞާލިޙު އަޅެއް ކަމަށާއި، އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަލޭގެފާނަކީ ނަބިއްޔެއް ކަމަށެވެ. އަދި އެކަލޭގެފާނުގެ މި ވާހަކައަކީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި، މަރުވުމަށްފަހު އަލުން ދިރުއްވާނެކަމުގެ މައްޗަށް އޮތް ބޮޑުވެގެންވާ ޙުއްޖަތަކާއި ހެއްކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ތާރީޚީ ޙާދިސާގެ ތަފްޞީލަށް އަލިއަޅުއްވާލައްވަމުން ޝެއިޚް ވިދާޅުވީ، އެއްދުވަހަކު ޢުޒައިރުގެފާނު އެކަލޭގެފާނުގެ ހިމާރެއްގެ މަތީގައި ކާނާއާއި ބުއިމުގެ ތަކެތި ކަމުގައިވާ އަންޖީރާއި، މޭބިސްކަދުރާއި، ފެން ނުވަތަ ކިރު ހިއްޕަވައިގެން ދަތުރުކުރައްވަނިކޮށް، ފަޅުވެ ވީރާނާވެފައިވާ އަވަށެއްގެ ކައިރިން ވަޑައިގެންނެވުނު ކަމަށެވެ. އެއީ ބައިތުލް މަޤްދިސް ޚަރާބުވެފައިވާ ދުވަސްވަރު ކަމަށް ރިވާވެގެންވެއެވެ. އެ ރަށުގެ ފުރާޅުތައް ބިންމައްޗަށް ވެއްޓި، އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރު ފެނިވަޑައިގަތުމުން، ﷲ ގެ ކުޅަދުންވަންތަކަމާ މެދު އެއްވެސް ޝައްކެއް އޮވެގެން ނޫން ނަމަވެސް، އެކަމުގެ ޙަޤީޤަތް ދެކެވަޑައިގަތުމުގެ ޝައުޤުވެރިކަމުގައި "މި ރަށް މިފަދައިން ހަލާކުވެ ދިޔުމަށްފަހު، ﷲ މި ރަށް އަލުން ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟" މިފަދައިން އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގެންނެވި ކަމަށް ޝެއިޚް ވިދާޅުވިއެވެ.
ދެން ހަމައެވަގުތު މާތް ﷲ ޢުޒައިރުގެފާނު ސަތޭކަ (100) އަހަރު ވަންދެން މަރުގެ ނިދީގައި ބޭއްވެވިއެވެ. އެއަށްފަހު އެކަލޭގެފާނު އަލުން ދިރުއްވައި، އެތާނގައި ހުންނެވީ ކިހާ ދުވަހަކުތޯ ސުވާލުކުރެއްވުމުން، ހެނދުނު އަވަހާރަފުޅުލެއްޕެވި ގޮތަށް ހަވީރު ހޭފުޅުލެއްވުނު ކަމަށް ހީފުޅުވެ، އެކަލޭގެފާނު ދެންނެވީ އެއްދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައި ކަމަށެވެ. ނަމަވެސް، މާތް ﷲ ގެ ކުޅަދުންވަންތަކަމުން ސަތޭކަ އަހަރު ވޭތުވެދިޔައިރުވެސް އެކަލޭގެފާނުގެ ކާތަކެއްޗާއި ބޯތަކެތި ކުނިނުވެ، ތާޒާކަންމަތީ ސަލާމަތުން ހުއްޓެވެ. އަދި ހަމައެއާއެކު، އެކަލޭގެފާނުގެ ހިމާރު މަރުވެ ކަށިތައް ފީވެފައިވާތަން ދެއްކެވުމަށްފަހު، ޢުޒައިރުގެފާނުގެ ލޯފުޅު ކުރިމަތީގައި އެ ކަށިތައް އެއްވެ، އޭގައި މަސްޖެހި، ހިމާރު އަލުން ދިރިގެންދިޔަ މުޢުޖިޒާތް ދެއްކެވި ކަމަށް ޝެއިޚް ޠައްޔިބު ބަޔާންކުރެއްވިއެވެ. މި މަންޒަރު ފެނިވަޑައިގަތުމުން ޢުޒައިރުގެފާނު ވިދާޅުވީ، ހަމަކަށަވަރުން ﷲ އީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަން ދަނެ ޔަޤީންކޮށްފީމެވެ.
މި ޙާދިސާއަށްފަހު ޢުޒައިރުގެފާނު އެނބުރި ޤައުމަށް ވަޑައިގެންނެވިއިރު، ރަށް އޮތީ އަލުން އާރާސްތުވެ، ކުރީގެ ޖީލު ނެތި އައު ޖީލެއް އުފެދިފައެވެ. އެކަލޭގެފާނަކީ ތައުރާތު ހިތުދަސް ބޭކަލަކަށް ވުމުން، ބަނީ އިސްރާއީލުންނަށް އަލުން ތައުރާތު އުނގަންނައިދެއްވުމުން އެބައިމީހުން އެކަލޭގެފާނަށް އިންތިހާއަށް ޤަދަރުކުރިއެވެ. ނަމަވެސް ފަހުން ބަނީ އިސްރާއީލްގެ މީހުން މަގުއޮޅި، ޙައްދުފަހަނައަޅައި ގޮސް "ޢުޒައިރަކީ ﷲ ގެ ދަރިކަލެކޭ" ބުނެ ބޮޑުވެގެންވާ ޝިރުކުގެ ތެރެއަށް ވެއްޓިގެން ދިޔަކަން ޝެއިޚް ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝެއިޚް ޠައްޔިބު ނަސޭހަތްތެރިވެވަޑައިގެންނެވީ، މި ވާހަކައިން ލިބޭ އެންމެ މުހިންމު ޢިބްރަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ބޮޑުކަން ދެނެގަތުން ކަމަށެވެ. އަދި ޤިޔާމަތް ދުވަހުން މަރުވެ ކަށިތައް ފީވެފައިވާ އިންސާނުން އަލުން ދިރުއްވުމަކީ އެކަލާނގެއަށް އެއްވެސް އުނދަގޫ ކަމެއް ނޫންކަން ހިތުގެ އަޑިން ޤަބޫލުކޮށް، އާޚިރަތް ދުވަހުގެ ޙިސާބުކިތާބަށް ތައްޔާރުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

