މިއާމީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި މުދާ އުފުލާ ބޯޓެއް ރަންވޭއިން ކަހާލައިގެން ހިނގި މި ހާދިސާގައި ފަސް މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
އެފް.އޭ.އޭ އިން ހާމަކުރި ގޮތުގައި މި ބޯޓަކީ އެމެޒޯންގެ ބޭނުމަށް "21 އެއާ" އިން ދުއްވާ ބޯއިންގް 767 މަރުކާގެ ބޯޓެކެވެ. މި ބޯޓު ފްލޮރިޑާއަށް އައީ ޕުއެރްޓޯ ރިކޯގެ ސެން ހުއާން އިން އާދީއްތަ ދުވަހުގެ މެންދުރުފަހު 2 ޖަހާކަންހާއިރުއެވެ.މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަންތަކެއް ވަގުތުން ހުއްޓާލާފައިވާ ކަމަށް އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވިއެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ރަންވޭއިން ބޭރަށް ނިކުމެ، މަގު ހުރަސްކޮށް ގޮސް މަޑުޖެހިފައިވަނީ ޕާކިންގް ސަރަހައްދެއްގެ ކައިރިއަށެވެ. ބައެއް އެހެން ވީޑިއޯތަކުން ބޯޓުގެ ކަނާތްފަރާތުގައި ރޯވެ، ކަޅު ދުން އަރަމުންދާ މަންޒަރު ފެނެއެވެ. އަދި ބޯޓުގެ ކަނާތު ފިޔަގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އެން.ބީ.ސީ މިއާމީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުން ޖެކްސަން ސައުތު މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާއިރު، އިތުރު ތިން މީހަކު ވަނީ ޖެކްސަން މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމީހުންގެ ހާލަތާ ގުޅޭ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެމެޒޯންގެ ތަރުޖަމާނު ކެލީ ނަންޓެލް ވިދާޅުވީ، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ޓީމެއް މި ހާދިސާ ތަހުގީގު ކުރުމަށް މިއާމީއަށް ދިއުމަށް ހަމަޖެހިފައިވާއިރު، އެފް.އޭ.އޭ އިން ވެސް ދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

