ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސިލްސިލާކޮށް މީދޫގައޮ ކުރިއަށްގެންދާ ހަފްތާ ދަރުސްގެ ތެރެއިން، މި ހަފްތާގެ ޚާއްޞަ ދަރުސް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
28 އޯގަސްޓް 2026 ވާ ހުކުރު ދުވަހުގެރޭ (މިރޭ) އިޝާނަމާދަށްފަހު މަސްޖިދު ޙުސައިން ޢަލީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސް ޚާއްޞަކުރެވިފައިވަނީ "ޞަޙާބީންނަށް އިޙްތިރާމް ކުރުން" މި މުހިންމު މައުޟޫޢަށެވެ.
ކީރިތި ރަސޫލާ ﷺ ގެ ޞަޙާބީންނަކީ އިސްލާމްދީނުގެ ދިފާޢުގައާއި ދީން ފެތުރުމުގައި މަތިވެރި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭކަލުންނަށް ވީހިނދު، އެބޭކަލުންގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މިރޭގެ ދަރުސްގައި ޞަޙާބީންގެ މާތްކަމާއި، އެބޭކަލުންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
މިރޭގެ ދަރުސްވެސް ދެއްވުމަށް ހަމަޖެހިފައިވަނީ ދީނީ ގިނަ ދަރުސްތަކެއް ދެއްވަމުން ގެންދަވާ، ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު ޠައްޔިބެވެ.
މިރޭ ބޭއްވޭ މި މުހިންމު ދަރުސް އަޑުއެއްސެވުމަށާއި، އިޝާނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވަޑައިގަތުމަށް ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން މަސްޖިދު ޙުސައިން ޢަލީއަށް ވަޑައިގެންދެއްވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.
މިފަދައިން ބޭއްވޭ ދީނީ ދަރުސްތައް އަޑުއެހުމަކީ ދީނީ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުވެ، ހިތްތަކަށް ހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. އަދި މިއީ ﷲ ތަޢާލާގެ ރުއްސެވުމާއި ދަރުމައާއި ޘަވާބު އެދިގެން ކުރެވޭ އަގުހުރި ހެޔޮ ޢަމަލެކެވެ. އެހެންކަމުން، މިފަދަ އަގުހުރި ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

