އިންސާނާގެ އުޅުމާއި ގުޅުމަށް ބަދަލުތަކެއް އަންނަ އެންމެ ނުރައްކާތެރި އެއް ސިފައަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. މިއީ އިންސާނާގެ ހިތުގެ ތެރެއަށް ވަދެގަންނަ ނުބައި ވަސްވާސްތަކެއްގެ ސަބަބުން އުފެދޭ ނުރައްކާތެރި ބަލިމަޑުކަމެކެވެ. މުޖުތަމައެއްގައި މިފަދަ ސިފަތައް އަށަގަތުމަކީ އިޖުތިމާއީ ގުޅުންތަކަށް ބުރޫއަރައި، މީހުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އިހުތިރާމް ގެއްލިގެންދާ ކަމެކެވެ.
ބައެއް މީހުން ޝައިތޯނާގެ ވަސްވާސްތަކަށް ތަބާވެ، އަމިއްލަ ނަފްސާ މެދު މާ ބޮޑަށް ފަހުރުވެރިވާން ފަށައެވެ. މިގޮތުން، ތިމާއަކީ އެހެން މީހުންނަށްވުރެ ހުރިހާ ގޮތަކުން މާ މޮޅު، މާބޮޑަށްވެސް ކަންތައްތައްއެގޭ ނުވަތަ މާ އިލްމީ މީހެއް ކަމުގެ އިހުސާސް ކުރެވެން ފަށައެވެ. މި ނުރައްކާތެރި އިހުސާސާއެކު، ބޮޑާކަމާއި ކިބުރުވެރިކަން އެ މީހާގެ ހިތުގައި ބަދަހިކަމާއެކު އަށަގަނެއެވެ. މި ހާލަތަށް މީހާ ދިއުމުން، ތިމާ ނޫން އެންމެންނަކީ ދަށްފެންވަރުގެ، ނިކަމެތި ބައެއްގެ ގޮތުގައި ދެކެން ފަށައެވެ.
ކިބުރުވެރިކަން ހިތުގައި އަށަގަނެފައިވާ މީހުން އެހެން މީހުންނާ މުއާމަލާތް ކުރުމުގައި ގެންގުޅޭ އުސޫލުތައް އާންމު މިންގަނޑަށްވުރެ ބޭރުވެއެވެ. އެފަދަ މީހުން އަނެކުންނާ ވާހަކަދައްކާއިރު ބޭނުންކުރާނީ މަލާމާތާއި ޖަދަލު ކުރުމުގެ ބަސްމަގެވެ. އެހެން މީހުންގެ ރައުޔަށް އިހުތިރާމް ކުރުމުގެ ބަދަލުގައި، އެމީހުންގެ ނަޒަރުގައި މޮޅު މީހަކީ ވެސް، ފުރިހަމަ މީހަކީ ވެސް އަދި ހުރިހާ ކަމެއް އެނގޭ މީހަކީ ވެސް ހަމައެކަނި ތިމާއެވެ. މި ސަބަބާހުރެ، އެހެން މީހުންގެ ނަސޭހަތާއި އިރުޝާދު ގަބޫލުކުރުމަކީ އެފަދަ މީހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއެވެ.
ބޮޑާކަމާއި ކިބުރުވެރިކަމަކީ އިންސާނާ ދުނިޔެއާއި އާޚިރަތުގައި ވެސް ބާކީކޮށްލާނެ ސިފައެކެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މަޑުމޮޅިކަމާއި ތަވާޟުއުވެރިކަމެވެ. އެހެންކަމުން، ބޮޑާކަމުގެ ސިފަ ހުރި މީހުންނަށް ހެޔޮވިސްނުން ދެއްވައި، އެ ނުބައި ސިފަތަކުން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރައްވާށިއެވެ. އާމީން.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

