ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުކަމަށް ވާދަކުރައްވާ ނަބާހާ، އެ ދާއިރާގެ އަންހެނުންގެ ކުރިއެރުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފިއެވެ.
ނަބާހާ މިގޮތައް ގިނަ ވައުދު ތަކެއް ވެވަޑައިގެންފައިވަނީ " ވީއޯއެމް " އަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައެވެ.
މިބަސްދީގަތުމުގައި ނަބާހާ ވިދާޅުވީ ހުޅުދޫ ދާއިރާގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަކީ އޭނާގެ ހިތުގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. ވަކިން ޚާއްޞަކޮށް، ދާއިރާގެ އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން " ވީއޯއެމް " އަށް ދެއްވި ބަސްދީގަތުމެއްގައި ނަބާހާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް އަންހެން ކަނބަލުންގެ ހުނަރުތައް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަބާހާ ވިދާޅުވީ، ކަނބަލުންނަށް ބޭނުންވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަމިއްލައަށް މަސައްކަތްކުރާ އަންހެނުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމަށްޓަކައި ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިޖުތިމާޢީ ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ނަބާހާ ވިދާޅުވީ، ގޭތެރޭގެ އަނިޔާއާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމަށެވެ.
އަދި ސަރުކާރާ ގުޅިގެން މިފަދަ ބޮޑެތި މަސައްކަތްތައް ކުރުމުގެ ޤާބިލުކަން އޭނާގެ ކިބައިގައި ހުރިކަން ޔަގީންކޮށްދެއްވަމުން، ދާއިރާގެ ކޮންމެ ކަނބަލެއްގެ އަދި ކޮންމެ ބޭފުޅެއްގެ އަޑުވެސް ގާތުން އަހާނެ ކަމަށް ނަބާހާ ވިދާޅުވިއެވެ.
ނަބާހާގެ ވާހަކަ ނިންމާލަމުން، ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީގެ މެންބަރުކަމަށް އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތެވެ. އަދި ދާއިރާގެ އަންހެނުންގެ ބާރުވެރިކަމަށްޓަކައި އެންމެންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު ނަބާހާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

