ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދުމަށްޓަކައި، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ތާރީޚީ 242 ވަނަ ކުރިމަތިލުމަކަށް މިވަނީ ތައްޔާރުވެފައެވެ.
މެޑްރިޑަށް ނިސްބަތްވާ މި ދެޓީމްގެ ފޯރިގަދަ ކުރިމަތިލުން މިފަހަރު އޮންނާނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. މިއީ މި ސީޒަނުގެ ފުރަތަމަ 'މެޑްރިޑް ޑާބީ' އަށްފަހު މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުން، ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ވަނީ 5-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކޮށް، ޔޫރަޕްގެ 15 ފަހަރުގެ ޗެމްޕިއަނުންނަށް ބޮޑު ލަދުވެތިކަމަކާ ކުރިމަތިކުރުވާފައެވެ.
މިޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗަށް ނުކުންނައިރު ރެއާލް މެޑްރިޑް އޮތީ ބަދަލުހިފުމުގެ ރޫހެއްގައެވެ. ހާއްސަކޮށް، ކޯޗު ޒަބީ އޮލޮންސޯ އާއި އޭނާގެ ޓީމަށް މިހާރު ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ. މި މުބާރާތުން ނާކާމިޔާބުވެއްޖެނަމަ، އޮލޮންސޯގެ މަގާމަށް ނުރައްކާވުމުގެ ފުރުސަތު އޮތްއިރު، ފަހަކަށް އައިސް ޓީމުގެ ނަތީޖާތައް ހުރި ގޮތުން އިތުރު ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުވެސް އެބައޮތެވެ.
އަނެއްކޮޅުން، އެތުލެޓިކޯ މެޑްރިޑްގެ އަމާޒަކީ އެމީހުންގެ ވާދަވެރިންގެ މައްޗަށް ޖެހިޖެހިގެން ދެވަނަ މޮޅެއް ހޯދައި، ފައިނަލުގެ ޖާގަ ކަށަވަރުކުރުމެވެ. އެތުލެޓިކޯއަށް މި ތަށި މިހާތަނަށް ހޯދިފައިވަނީ އެންމެ ދެ ފަހަރުއެވެ. އަދި އެ ޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2014 ވަނަ އަހަރުއެވެ.
އެތުލެޓިކޯ އާއި ރެއާލްގެ އެންމެ ފަހުގެ ފަސް ކުރިމަތިލުން:
އެތުލެޓިކޯ މެޑްރިޑް: 2 މޮޅު
ރެއާލް މެޑްރިޑް: 1 މޮޅު
އެއްވަރުވީ: 2 މެޗު
އެންމެ ފަހުގެ މެޗު: އެތުލެޓިކޯ 5-2 ރެއާލް (27 ސެޕްޓެމްބަރު 2025)
ރެއާލްއާއި އެތުލެޓިކޯ އެންމެ ފަހުން ކުޅުނު މެޗްތަކުގެ ނަތީޖާ
އެތުލެޓިކޯ މެޑްރިޑް: ފަހަކަށް އައިސް ކުޅުނު މެޗުތަކުން ރެއާލް ސޮސިއެޑާޑާ އެއްވަރުވިއިރު، ޖިރޯނާ އާއި ވެލެންސިއާ އަދި ޕީ.އެސް.ވީ އައިންދޯވަން އަތުން ވަނީ މޮޅުވެފައެވެ.
ރެއާލް މެޑްރިޑް: ރެއާލް ބެޓިސް އާއި ސެވިއްޔާ އަތުން ބޮޑު މޮޅެއް ހޯދި ނަމަވެސް، މެންޗެސްޓާ ސިޓީ އަތުން ވަނީ ބަލިވެފައެވެ.
ދެޓީމުގެ ހާލަތު:
އެތުލެޓިކޯގެ ކޯޗު ސިމިއޯނީއަށް މި މެޗުގައި ކްލެމެންޓް ލެންގްލޭ އަދި ނިކޮލަސް ގޮންޒާލޭޒް ބޭނުމެއް ނުކުރެވޭނެއެވެ. މި ދެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް، ފައިގެ މަސްގަނޑަށް އަނިޔާވެފައިވާ ޕަބްލޯ ބާރިއޯސް ވަނީ ޓީމާއެކު ޖިއްދާއަށް ގޮސްފައެވެ. އޭނާ މެޗުގައި ކުޅޭނެކަން ކަށަވަރުވާނީ ފިޓްނަސް ޓެސްޓްތަކަށް ފަހުގައެވެ. އޭނާއަށް ނުކުޅެވޭ ނަމަ، މެދުތެރެއިން ފުރުސަތު ލިބޭނީ ކޮނޯ ގަލަގާއަށެވެ.
ދިފާއީ ބައިގައި، ހަމްސްޓްރިންގް އަނިޔާއިން ސަލާމަތްވެ ހަ ހަފުތާއަށްފަހު ހޯސޭ މާރިއާ ގިމެނޭޒް އެނބުރި އައުމަކީ އެތުލެޓިކޯއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. ކުރީގައި ހޫލިއަން އަލްވަރޭޒް ހުރުމާއެކު ޓީމުގެ އިތުބާރު މިވަނީ ބޮޑުވެފައެވެ.
ރެއާލް މެޑްރިޑަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ނެތުމެވެ. ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ ހުރީ މެޑްރިޑްގައެވެ. އޭނާގެ ބަދަލުގައި ފުރުސަތު ލިބޭނެ ކަމަށް ބެލެވެނީ ގޮންޒާލޯ ގާސިއާ އަށެވެ. މީގެ އިތުރުން އެޑާ މިލިޓާއޯ އާއި ބްރަހިމް ޑިއާޒް ވެސް މި މެޗުގައި ނުކުޅޭނެއެވެ.
އޮލޮންސޯއަށް އޮތް އުފާވެރި ޚަބަރަކީ، ޑީން ހުއިސެން އާއި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް އަދި ޑެނީ ކަރްވަހާލް ޓީމާއެކު ދަތުރުކުރުމެވެ. ދިފާއީ ބައިގައި އެންޓޯނިއޯ ރޫޑިގާ އާއެކު ސްޕެއިންގެ ސެންޓަ ބެކް ފެންނާނެ ކަމަށް ބެލވޭއިރު، ފެޑެރިކޯ ވަލްވާޑޭ ފެންނާނީ ކަނާތު ފަޅިންނެވެ.
ރެއާލްމެޑްރިޑާއި އެތުލެޓީކޯ މެޑްރިކް ބައްދަލުކޮށް ކުޅެވޭ މިމެޗް ކުޅުން އޮންނާނީ ސައުދި އަރަބިޔާގެ " އަލީންމާ ބޭންކް ސްޓޭޑިއަމްގައެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

