ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ ވަޒީފާގައި ތިބޭ ފަރާތްތަކަށް ޢުމުރުން 75 އަހަރު ވަންދެން މަސައްކަތުގައި ދެމިތިބެވޭނެ މަގު ފަހިކޮށްދޭ "ރީ-އެމްޕްލޯއިމަންޓް ބިލު" މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި، މި ބިލު ފާސްކޮށްފައިވަނީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތައް:
ދައުލަތުގެ ވަޒީފާ އަދާކުރާ ފަރާތްތަކަށް ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުގެ ފުރުޞަތު ހޯދައިދިނުން.
ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ދިނުމުގައި ބަލާނެ ހަމަތަކާއި، ޢަމަލުކުރާނެ އިޖުރާއަތްތައް ކަނޑައެޅުން.
ޤާނޫނު ހިނގާނެ ދާއިރާ
މި ޤާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކުރިން އަދާކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް، ސިފައިން، ފުލުހުން، ފަނޑިޔާރުން އަދި ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި މުއްދަތަކަށް އައްޔަންކުރާ މަޤާމުތަކުގައި ތިބޭ ފަރާތްތައް މީގެ ތެރެއަކު ނުހިމެނެއެވެ.
ވަޒީފާ ދިނުމުގެ އުޞޫލު:
ރީ-އެމްޕްލޯއިމަންޓް އުޞޫލުން ވަޒީފާ ހަމަޖައްސައިދެވޭނީ ޢުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން، ޕެންޝަން ލިބޭ ޢުމުރު ހަމަވެގެން ފާއިތުވި 7 އަހަރު ތެރޭގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް އަލުން ވަޒީފާއަށް އެދުމުގެ ފުރުޞަތު މި ޤާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
ވަޒީފާ ހަމަޖައްސައިދެވޭނެ ގޮތްތައް:
ކުރިން ހުރި މަޤާމުގައި ދެމިހުރުން.
ކުރިން ހުރި މަޤާމު ނޫން އެހެން މަޤާމަކަށް ބަދަލުކުރުން.
މަސްއޫލިއްޔަތުތަކަށް ބަދަލު ގެނައުމާއެކު، މުސާރައާއި އިނާޔަތްތަކަށް އެކަށީގެންވާ ބަދަލެއް ގެނެސް ވަޒީފާ ހަމަޖެއްސުން.
ސުންގަޑިތަކާއި އިނާޔަތްތައް:
ވަޒީފާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކުން ޢުމުރުން 65 އަހަރު ފުރުމުގެ 6 މަސް ކުރިން ހުށަހަޅަންޖެހެއެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކުން، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި އެކަމަށް އެދެންޖެހޭނެއެވެ.
މި އުޞޫލުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ. ވަޒީފާގައި ހުންނަ މުއްދަތުގައި އަސާސީ ޕެންޝަން ނުލިބުނު ކަމުގައިވިޔަސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ އެހެނިހެން ފައިސާ ލިބޭނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

