އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ސ. މީދޫ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާނެ ބޭފުޅަކަށް މިހާރު ހިގަމުންދާ އައްޑޫސިޓީ ކައުންސިލްގެ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ހޮވިއްޖެވެ.
ސޯލިހާ މިމަގާމަށް ހޮވުނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި އަހުމަދު ޝާތިރު އާއި ވާދަކޮށްގެންނެވެ.
ހޮނިހިރު ދުވަހު ބޭއްވުނު ޕްރައިމަރީގައި ކައުންސިލް މެމްބަރުންގެ ޓިކެޓް ހޯއްދަވާފައިވަނީ އަފްޒަލް ރަޝީދާއި ހަސަން ހަމީދެވެ. އަފްޒަލް ރަޝީދާއި ހަސަން ހަމީދު ކައުންސިލް މެމްބަރުންގެ ޓިކެޓް ހޯއްދަވާފައިވަނީ އިބްރާހިމް މުފީދު، އަހުމަދު މިފްތާހު އަދި އަހުމަދު މުޖުތަބާއާއި ވާދަކޮށްގެންނެވެ.
އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، މީދޫ އާއި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެންނަ ކަމަށް ރައްޔިތުން ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ. އެހެންވެ އަންނަ އަހަރު މާރޗް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ އާއި ހުޅުދޫގައި ބާއްވާނީ ރަށު ކައުންސިލް އިންތިހާބެވެ.
މި ކެންޑިޑޭޓުންނަކީ މީދޫ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގައި، ޕީއެންސީގެ ވައުދުތައް ފުއްދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

