އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިރޭ ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ރިޓަޔާކުރާ އުމުރު 75 އަހަރަށް ދިގުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތުން، "ރީއެމްޕްލޯއިމެންޓު ބިލް" ގެ ނަމުގައި ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ފޮނުއްވާފަ އެވެ. މި ބިލުގެ މަގްސަދަކީ، މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 65 އަހަރު ފުރިފައިވީ ނަމަވެސް، ގާނޫނީ ހަމަތަކުގެ މަތީން 75 އަހަރާ ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މި ބިލު ފާސްވެ އަމަލުކުރަން ފެށުމާއެކު، ބިލު ފާސްވިތާ 7 އަހަރުގެ ތެރޭގައި ރިޓަޔާކުރި ފަރާތްތަކަށާއި، ބިލު ފާސްވާ ހިނދު 65 އަހަރު ފުރިފައިވާ ފަރާތްތަކަށް 75 އަހަރު ވަންދެން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ރައީސް ވިދާޅުވީ، 65 އަހަރުން މަތިވީ ނަމަވެސް، ސިއްހީ ގޮތުން ދުޅަހެޔޮކަންމަތީގައި ތިބެ، ގޭގައި ހުސްވެފައި ނުތިބެ މަސައްކަތްކުރުމަށް ގިނަ ބަޔަކު ބޭނުންވާތީ، މިއީ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

