އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާސްތަކުގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުމުގެ މައްސަލަ ޙައްލުކުރުމަށް ނުވަތަ އެކަން މަނާކުރުމަށް ގިނަ ބެލެނިވެރިން އެދެމުންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ގްރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރެވިފައިވީ ނަމަވެސް، އެކަން އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންކަމުން، އަންނަ ދިރާސީ އަހަރުން ފެށިގެން، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ބެލެހެއްޓުން ވަރަށް ހަރުކަށިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސްކޫލް ގަޑީގައި މި ގްރޭޑްތަކުގެ ދަރިވަރުންނަށް ފޯނު ބޭނުންކުރުން ހުއްދަ ނުވާނެކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް، އޭލެވެލް ކިޔަވަމުންދާ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ދަރިވަރުންގެ ފޯނުތައް ހުންނަންވާނީ އެކަމަށް ޚާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ގްރޭޑް 11އާއި ގްރޭޑް 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ. އެޑިއުކޭޝަން މިނިޓްރީން އެބަ ހޯއްދަވާ ލޮކަރ ސިސްޓަމް. ސްކޫލްގައި އެ ލޮކަރ ސިސްޓަމް ބެހެއްޓީމަ ފޯނު ބަހައްޓާނީ އެލޮކަރތަކުގައި. ކްލާސް ގަޑީގައި ކިޔަވައިދެމުންދާއިރު، އެއްވެސް ކުއްޖަކަށް ފޯނު ބޭނުން ނުކުކުރެވޭވެ، ނަމަވެސް ކްލާސް ނިމުނީމަ އަަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ"
ރައީސް ވިދާޅުވިއެވެ
ދާދި ފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުން ފޯނު ބޭނުންކުރުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމާއެކު، ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

