މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މީދޫ ޝަރީފީ ޕްރީސްކޫލްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރީން މިއަދު ހަވީރު ވަނީ ހުޅުދޫ އާޝާން ދޯންޏަށް ޚާއްސަ ޒިޔާރަތެއް ކޮށްފައެވެ.
މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާއަތާ ބެހޭ މައުލޫމާތު ދަރިވަރުންނަށް ދިނުމާއި، މަސްވެރީންގެ ދުވަހުގެ މުނާސަބާގައި މަސްވެރީންނަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރުމެވެ.
މި ޒިޔާރަތުގައި، އާޝާން ދޯނީގެ މަސްވެރީން ވަނީ ދަރިވަރުންނަށް މަސްވެރިކަމުގެ އެކިކަންކަމުގެ މައުލޫމާތު ދެއްވައި، މަސްވެރިކަން ކުރާ އުސޫލުތައް ކިޔައިދީފައެވެ.
އަދި ޝަރީފީ ޕްރީސްކޫލްގެ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރީންގެ ފަރާތުން އާޝާން ދޯނީގެ މަސްވެރީންނަށް ވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ޚާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.
މި ޒިޔާރަތުގައި މަސްވެރީންނާއިއެކު ހަވީރުގެ ސަޔަށް އިންސާފުކުރުން ދޯނީގައި ބޭއްވުނުއިރު، ދޯނީގެ ފަރާތުން ދަރިވަރުންނާއި ބެލެނިވެރީން އަދި މުދައްރިސުން ގޮވައިގެން ހުޅުދޫ ކައިރީގައި ދޯނި ދުއްވާލަންވެސް ވަނީ ގޮސްފައެވެ.
މީގެ އިތުރުން، މި ދުވަސް ހަނދާނުގައި ދޯނީގެ ފަރާތުން ދަރިވަރުންނަށް ރިއްމަސް ހަދިޔާކޮށްފައިވެއެވެ.
މިޒިޔާރަތުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރީންނާއި، މުދައްރިސުންނަށް މަސްވެރިކަމުގެ ތަފާތު ތަޖުރިބާއެއް ލިބިގެން ގޮސްފައިވެއެވެ.







ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

