އައްޑޫ ސިޓީ ޤުރްއާން ކިޔެވުމުގެ މުބާރާތް 2025 ނިމިގެންދިޔައިރު، ސ. އަތޮޅުމަދަރުސާގެ ދަރިވަރުންވަނީ ފަޚުރުވެރި ނަތީޖާތަކެއް ހޯދާފައެވެ.
މި މުބާރާތަކީ އައްޑޫ ސިޓީގައި ޤުރްއާނަށް ދަރިވަރުން އަހުލުވެރިކުރުވުމާއި، އެކުދިންގެ ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ސިޓީ ކައުންސިލުން ބޭއްވި މުބާރާތެކެވެ.
މި މުބާރާތުގައި އަތޮޅުމަދަރުސާގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ، ވަނަތައް ހާސިލުކުރި ދަރިވަރުންނާއި، ސްކޫލަށް ލިބުނު ވަނަތަކަކީ ސްކޫލަށާއި މީދޫއާއި ހުޅުދޫއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މުބާރާތުގެ ތެރެއިން ވަކިވަކި ގޮފިތަކުން ކާމިޔާބީ ހޯދި ދަރިވަރުންނަކީ:
މުޙައްމަދު ޙައްޔާން: 12 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ.
ފާޠިމަތު ލީން މިރުސާދު: 14 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ.
ކިޔާސާ ހިޔާޒް ހަސަން: 14 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ.
ފާތިމަތު ސަޖާ ސިރާޖް: 14 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ.
ވާއިލް އިބްރާހިމް ރަޝީދު މުހައްމަދު: 16 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ.
މި ކާމިޔާބީތަކުގެ އިތުރުން، ސްކޫލްތަކުގެ ބައިންވެސް ފާހަގަކޮށްލެވޭ ނަތީޖާތަކެއް އަތޮޅުމަދަރުސާ ދަރިވަރުން ވަނީ ހޯދާފައެވެ. އެގޮތުން، މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ ސްކޫލުގެ މަޤާމު ލިބިފައިވާއިރު، ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް 3 ވަނަ ސްކޫލުގެ މަޤާމު ވަނީ ހޯދާފައެވެ.
މުބާރާތުގައި ބައިވެރިވި ސްކޫލްތަކުގެ ތެރެއިން މުޅި މުބާރާތުން 3 ވަނަ ސްކޫލަކަށް އަތޮޅުމަދަރުސާ ހޮވުނީ، ދަރިވަރުންގެ ފުރިހަމަ މަސައްކަތާއި ހުނަރުން ލިބުނު ބޮޑު ކާމިޔާބެކެވެ.
މި ކާމިޔާބީތަކާ ގުޅިގެން، ސްކޫލުގެ މެނޭޖްމަންޓާއި މުދައްރިސުންގެ ފަރާތުން ހުރިހާ ބައިވެރިންނަށް އަދި ވަކިން ޚާއްސަކޮށް ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ހޫނު މަރުޙަބާ އާއި ތަހުނިޔާ ވަނީ އަރިސްކޮށްފައެވެ.
މި ކާމިޔާބީ ސްކޫލަށް ހޯދައި ދިނުމުގައި ދަރިވަރުންނާއި، ދަރިވަރުން މުބާރާތަށް ތައްޔާރުކޮށްދެއްވުމަށް މަސައްކަތްކުރެއްވި ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ސްކޫލްގެ ފަރާތުން ވަނީ ފަށްފަށުން ޝުކުރުދަންނަވާފައެވެ.
މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ދަރިވަރުންގެ ދީނީ ރޫޙު އާލާވެ، ޤުރްއާނަށް ލޯބިޖެހި، ރިވެތި އަޚްލާޤެއްގެ މަތީގައި ބޮޑުވުމަށް އެހީތެރިވެދޭނެކަމަށް ސްކޫލުން އުންމީދުކުރެއެވެ.








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

