އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ކުރީގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމު މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރުބެން ޑިއާސް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމު ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ސިޓީގެ ތިންވަނަ ލަނޑު ފަހުހާފުގެ 65 ވަނަ މިނެޓުގައި މިޑްފީލްޑަރު ފިލް ފޯޑެން ކަމިޔާބުކުރިއިރު، މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މިމެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސަންޑަލޭންޑްގެ ޑިފެންޑަރު ލޫކް އޯ ނިއެންއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން މެންޗެސްޓާ ސިޓީއަށް 31 ޕޮއިންޓް ލިވިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސަންޑަލޭންޑަށް ލީގުގައި ކުޅުނު 15 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ
ލީގުގައި މެންޗެސްޓާ ސިޓީއަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ސަންޑަލޭންޑަށް ކުރިއަށް އޮތީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.
ރޭ ޕްރިމިއާ ލީގުގައި ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު ޗެލްސީއާއި ބޯންމައުތު ބައްދަލުކުރިމެޗް ނިމިގެންގޮސްފައިވަނީ ލަނޑެއްނުޖެހި ދެޓީމް އެއްވަރުވެގެންނެވެ. އެވަޓަންއާއި ނޮޓިންހަމް ފޮރެންސް ބައްދަލުކުރިމެޗް 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެވަޓަންއެވެ.
ނިއުކާސަލްއާއި ބާންލީ ބައްްދަލުކުރިމެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ނިއުކާސަލް ޔުނައިޓެޑެވެ. ލީޑްސް ޔުނައިޓެޑާއި ލިވަރޕޫލް ބައްދަލުކުރިމެޗް 3 ލަނޑު 3 ލަނޑުން ވަނީ އެއްވަރުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

