ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 ވަނަ އަހަރުން ފެށިގެން ބަދަލު ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި، ފިރިހެން ކުދިންނަށް ތުނބުޅި ބެހެއްޓޭނެ ގޮތަށް އުސޫލުތަކެއް ވަނީ ހަދާފަ އެވެ. މިހާރު ރާއްޖޭގެ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުން ތުނބުޅި ބަހައްޓަން ހުއްދަ ނެތް ނަމަވެސް، ހަޔާ ސެކަންޑަރީ ސްކޫލުތަކުގައި ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ފުރުސަތު ދެ އެވެ. މި ބަދަލުތައް މުޅި ދައުލަތުގެ ސްކޫލްތަކަށް ތައާރަފުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-4 އަދި 5 (ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުން) ތުނބުޅި އަދި މަތިމަސް ބެހެއްޓުމަށް ވަނީ ހުއްދަދީފައެވެ. ނަމަވެސް، މި ހުއްދަ ދީފައިވަނީ ތުނބުޅި އަދި މަތިމަސް އެއްވަރަށް ކުރުކޮށް ކޮށާފައި ހުރި ނަމަ އެވެ. މި އުސޫލުގެ ދަށުން ޔުނިފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ދަރިވަރުން ތިބެން ޖެހޭނެ ގޮތް މިހާރު ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ. މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނާ ގޮތުން، ޔުނީފޯމަށް ބަދަލު ގެނައުމުގެ ނިންމުން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަން ނިންމީ، އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުންނެވެ. އޭނާ ވިދާޅުވީ، މި އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގުހެޔޮވެ، އޭގެ މޮނޮޕޮލައިޒްކުރުން ހުއްޓުވޭނެ ކަމަށެވެ.
އާ އުސޫލުގައި ވެސް ވަނީ ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރިން ވެސް އަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް، ކުރުކޮށް ކޮށާފައި ކަމަށެވެ. އަދި ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް ކުރިއެކޭ އެއްގޮތަށް މަނާ ކަމެކެވެ. އަންހެން ދަރިވަރުންގެ ޔުނިފޯމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އާ އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް 4 އިން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. އަދި އަންހެން ކުދިން ލާން ޖެހޭނީ އަތް ދިގު ނުވަތަ އަތް ކުރުކޮށް ހުންނަ ގަމީސް ޓޮޕެވެ. ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅު ފޮރުވި އެއަށް ވުރެ 2-4 އިންޗި ދިގުކޮށެވެ. ބުރުގާ އަޅާ އަދި ނާޅާ ދަރިވަރުންނަށް ވެސް ދެ އިހުތިޔާރެއް ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

