އައްޑޫ ސިޓީ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މަރަދޫ އެފްސީ 1-0 ލަނޑުން ބަލިކޮށް ފޭދޫ ފްރެންޑްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ.
މިކާމިޔާބީއާއެކު، ފްރެންޑްސް ވަނީ މުބާރާތުގެ ތަށި ހޯދުމުގެ އުއްމީދުވެސް އާކޮށްފައެވެ.
މިއަދު ހަވީރު ކުޅުނު މިމުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި، ފްރެންޑްސް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 66 ވަނަ މިނިޓުގައި އެޓީމުގެ ބިދޭސީ ފޯވާޑް އުސްމާނެވެ.

މިއީ ފްރެންޑްސްގެ ކީޕަރު އައްޓަޑާ ފޮނުވާލި ބޯޅައެއް މަރަދޫ ޓީމުގެ ހާފް މެދަކާ ހިސާބުން އުސްމާނުއަށް ލިބުމުން، މަރަދޫގެ ދެ ޑިފެންޑަރެއްގެ ކައިރިއަށް ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، މަރަދޫ ޓީމުގެ ކީޕަރު ބޯޅަ ހޯދުމަށް ނިކުތުމުން ކީޕަރުގެ ކައިރިންވެސް ބޯޅަ ނައްޓާލުމަށްފަހު މަޑުމަޑުން ގޯލަށް ވައްދާލައިގެން އުސްމާނު ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
މިމެޗު ކުރީ ދުވަހާ ޚިލާފަށް ފްރެންޑްސް އިން ފެށީ އެޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ އިއްބެ ފުރަތަމަ އެގާރަގައި ހިމަނައިގެންނެވެ.

ނަމަވެސް މަރަދޫ ޓީމް މިމެޗު ފަށާފައިވަނީ އެޓީމުގެ ޒުވާން ފޯވާޑް ޒާކީ ބެންޗްގައި ބެހެއްޓުމަށްފަހުގައެވެ. ދެވަނަ ހާފުގައި މަރަދޫ ޓީމުން ވަނީ ޒާކީ ކުޅެން އަރުވާފައެވެ. ނަމަވެސް ޒާކީ ކުޅެން އެރުވިޔަސް މަރަދޫ ޓީމަކަށް މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިމެޗުން ފޭދޫ ފްރެންޑްސް މޮޅުވުމުން މިމަހު 6 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ފްރެންޑްސް އާއި ބައްދަލުކުރާނީ މީދޫ ލޮތާރިއައެވެ. ޕޮއިންޓް ސިސްޓަމަށް ކުޅެވުނު މެޗްތަކުގައި މިދެޓީމް ބައްދަލުކުރިއިރު، އެމެޗް ފްރެންޑްސް ކްލަބް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.

މެޗަށްފަހު ފްރެންޑްސް ކްލަބްގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ އިއްބެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، "މިއީ ޓީމުގެ ހުރިހާ ކުދިން މެޗްގެ 90 މިނިޓުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެންމެ ފަހު ވަގުތާ ޖެހެންދެން ގޯލް ޖެހުމަށް މަސައްކަތް ކުރީ ފައިނަލަށް ދިއުމަށް. އަދި ކާމިޔާބު ވުމުން ވަރަށް އުފާވި."

ފްރެންޑްސްގެ ކޯޗް މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އުއްމީދަކީ ތަށި ކަމަށާއި މުބާރާތުގެ ފުރަތަމަ ދުވަހުން ފެށިގެން ތައްޔާރުވަމުން އައީ ތަށި ހޯދުމަށް ކަމަށެވެ. އަދި ފައިނަލް މެޗަށް ދާނީވެސް ތަށި ހޯދުމުގެ އަޒުމުގައި ކަމަށް ކޯޗު ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

