ހިތަދޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހިތަދޫ މައިލޯ ސިޓީގެ މައްޗަށް ކުރިހޯދައިގެން މީދޫ ކްލަބް ލޮތާރި ފައިނަލަށް ދަތުރުކޮށްފިއެވެ.
މައިލޯސިޓީއާއި ލޮތާރި ބައްދަލުކޮށް މިއަދު ކުޅެވުނު ފޯރިގަދަ މެޗް ލޮތާރި ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުންނެވެ.

މިމެޗްގެ ފުރަތަމަ ހާފުގައި މައިލޯ ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ވަނީ ކުޅެފައެވެ. ނަމަވެސް، ލަނޑު ޖަހާނެ ރަނގަޅު ހުސް ފުރުސަތެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ، ކްލަބް ކޮތާރިއަށްވެސް މިހާފްގައި ލަނޑު ޖަހާނެ ފުރުސަތެއް ހޯދިފައެއް ނުވެއެވެ. މިގޮތުން މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުމާއެކު ދެޓީމުންގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ޙަޤީޤަތުގައި ދެޓީމުގެ ކުޅުންތެރިންގެ ވިސްނުންތެރިކަމާއެކު ޑިފެންސަށް ސަމާލުކަން ދީގެން ކުޅެމުން ދިއުމުގެ ސަބަބުން ގިނަ ވަގުތު ލަނޑެއް ނުޖެހި ދިޔައެވެ.

އެހެން ނަމަވެސް މެޗްގެ 63 ވަނަ މިނިޓްގައި ލޮތާރި ޓީމުން މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 6، އަބްދުﷲ ރަޝީދެވެ. ރަޝީދުގެ މިލަނޑަކީ މައިލޯޓީމުގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މި ލަނޑަށްފަހުވެސް ލޮތާރި ޓީމަށް ލަނޑު ޖަހާނެ އިތުރު ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް، ސަހާފް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދާގަޑަށެވެ. އަދި މައިލޯ ސިޓީގެ ކުޅުންތެރިއަކަށްވެސް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބުނުއިރު، އޭނާ ޑައިވްކޮށް ބޮލުން ޖަހާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވެ ބޭރަށް ދިޔައެވެ.

މިމެޗްގެ 72 ވަނަ މިނިޓްގައި ލޮތާރި ޓީމުގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ސަބަބުން މައިލޯ ސިޓީން ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު މައިލޯ ސިޓީއަށް ކާމިޔާބުކޮށްދިނީ ޖަނާހެވެ. ޖަނާހުގެ މިލަނޑާއެކު މެޗް ގެ ނަތީޖާ ހަމަހަމަވެ ދެޓީމުގެ ކުޅުން އިތުރަށް ވަރުގަދަވެގެންދިޔައެވެ.
އެހެންނަމަވެސް، އިތުރު ލަނޑެއް ދެޓީމުން ކުރެ ޓީމަކަށް ކާމިޔާބު ނުކުރެވި، މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.
މެޗް ނިމިގެން މޮޅުވާ ޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ވަނީ ޖަހާފައެވެ.
ޕެނަލްޓީ ޖެހުމުގައި ލޮތާރި ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ފުރިހަމަ ޕާފޯމަންސްއެއް ދައްކާފައެވެ. ނަމަވެސް، މައިލޯ ސިޓީގެ ސަބާހު ޖެހި ޕެނަލްޓީ ލޮތާރިގެ ކީޕަރު ދިފާއުކުރުމާއި، ޝާޔާން ޖެހި ޕެނަލްޓީ ގޯލްގެ ހުރަސް ދަނޑިމަތިންވަނީ ބޭރަށް ގޮސްފައެވެ. އެކަމަކު ލޮތާރިން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވުމުން 5-4 ގެ ނަތީޖާއަކުން ލޮތާރި ވަނީ މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.
މިކާމިޔާބީއާއެކު މީދޫ ކްލަބް ލޮތާރި ވަނީ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.
"މިހިސާބަށް އާދެވުނީ ވަރަށް މަސައްކަތްކޮށްގެން. އަދި މުބާރާތް ފެށިއިރުވެސް އަޅުގަނޑުމެންގެ ޓާގެޓަކީ ފައިނަލްކަމަށާ ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ފައިނަލް މެޗަށް"
މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ލޮތާރި ޓީމުގެ ކެޕްޓަން ސަހާފް ބުނި
މީދޫ ޓީމުގެ ކޯޗް ޕިންޑޭ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އުއްމީދަކީ ފައިނަލް މެޗް ކާމިޔާބުކޮށް ތަށި ހޯދުންކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިމުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅެވުނު މެޗްގައި މިދެޓީމް ބައްދަލުކޮށް 5-0 ގެ ބޮޑު ތަފާތަކުން މޮޅުވެފައިވަނީ މައިލޯ ސިޓީކަމެވެ. އެހެންކަމުން ގިނަ ބަޔަކަށް ހީވެފައި އޮތީ މިމެޗް ފަސޭހަކަމާއެކު މައިލޯ ސިޓީ ކާމިޔާބުކުރާނެކަމަށެވެ.
ނަމަވެސް، ފުޓްބޯޅައިގައި ކޮންމެ މެޗަކީވެސް އަލަށް ފެށޭ މެޗެއްކަން މިފަހަރު ސާބިތުވެގެންދިޔައެވެ.
ފައިނަލް މެޗުގައި ލޮތާރިއާ ބައްދަލުކުރާނީ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމެވެ. ދެވަނަ ސެމީ ފައިނަލް ކުޅޭނީ ފޭދޫ ފްރެންޑްސް އާއި މަރަދޫ، މަރަދޫ އެފްސީއެވެ. މިމެޗް ކުޅޭނީ މާދަމާއެވެ.
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލޮތާރި ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަބްދުﷲ ރަޝީދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

