އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީފައިނަލް ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެވޭނެއެވެ.
މި މުހިންމު މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި ހިތަދޫ މައިލޯ ސިޓީއާއި، ޓޭބަލްގެ ހަތަރުވަނަ ލިބުނު މީދޫ ކްލަބް ލޮތާރިއެވެ.
ހިތަދޫ މައިލޯ ސިޓީ ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ސެމީފައިނަލުގެ ފުރުސަތު ހޯދާފައެވެ. އެގޮތުން، މަރަދޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރިއިރު، ފޭދޫ ފްރެންޑްސްއާ އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. މީގެ އިތުރުން ފޭދޫ ފާހިއާ ދެކޮޅަށް 15-1 އިން ބޮޑު ކާމިޔާބީއެއް ހޯދިއިރު، ކްލަބް ލޮތާރިއާ ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ.

މިދެޓީމްގެ ކުރީގެ ބައްދަލުވުމުގައި މައިލޯ ސިޓީއަށް ބޮޑު ތަފާތަކުން މޮޅުވެވުނު ނަމަވެސް، ލޮތާރި ސެމީފައިނަލަށް ދަތުރުކުރީ އެޓީމު ކުޅުނު 4 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، 3 މެޗުން ބަލިވެ، 3 ޕޮއިންޓާއެކުއެވެ. މިނަތީޖާތަކަށް ބަލާއިރު، މައިލޯ ސިޓީ މިއަދުގެ މެޗުންވެސް ފަސޭހަކަމާއެކު މޮޅުވާނެ ކަމަށް ގިނަބަޔަކު ގަބޫލް ކުރެއެވެ.
އެހެންނަމަވެސް، މިއަދުގެ މެޗާއި ގުޅޭގޮތުން ލޮތާރީގެ ކޯޗު ޕިންޑޭ ބުނީ، ކުރީދުވަހުގެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، މިއަދުގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރީދުވަހުގެ މެޗުގައިވެސް ލަނޑު ޖަހަން އެތައް ފުރުސަތުތަކެއް ލިބުނު، އެކަމަކު ކާމިޔާބު ނުކުރެވުނީ. އެމީހުންނަށް ލިބުނު ފުރުސަތުތައް އެމީހުން ވަނީ ކާމިޔާބުކޮށްފައި. އެޓީމަކީ ވަރުގަދަ ޓީމެއް. އެހެންނަމަވެސް މިއަދުގެ މެޗަކީ އެހެން މެޗެއް، އިރާދަކުރެއްވިއްޔާ މިއަދުގެ މެޗް ރަނގަޅުވާނެ،"
ޕިންޑޭ ބުންޏެވެ.
މިމެޗުގެ ނަތީޖާއިން މިމުބާރާތުގެ ފުރަތަމަ ފައިނަލަށް ހޮވޭޓީމެއް ކަނޑައެޅިގެންދާނެއެވެ.
ކުޅިވަރުގެ ސަޕޯޓަރުން އުއްމީދުކުރަނީ މިމެޗަކީ ވާދަވެރި ފޯރިގަދަ މެޗަކަށް ވެގެން ދާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

