އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝުޖާއު، ފެނަކަ ކޯޕަރޭޝަންގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޝުޖާއު އައްޔަންކޮށްފައިވަނީ ފެނަކައިގެ ޗީފް ސޭލްސް އޮފިސަރުގެ މަގާމަށެވެ.
ޝުޖާއު އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން ޝުޖާއު ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް މި އަހަރު ފުރުއްވައިފަ އެވެ.
ފެނަކައިގެ އިސް މަގާމަކަށް ވަޑައިގެންނެވި އިރު، ޝުޖާއު އަކީ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ޖެނެރަލް މެނޭޖަރުގެ މަގާމާއި މޯލްޑިވް ގޭހުގެ ބޯޑު ޑިރެކްޓަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް މަގާމެއް ވެސް ހިމެނެ އެވެ.
ޝުޖާއު އަކީ އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވަސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ތަޢުލީމީ ބޭފުޅެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

