އައްޑޫ މީދޫއަކީ ފުދުންތެރި ދިރިއުޅުމެއްގައި ދިރިއުޅޭ ރައްޔިތުންތަކެއް ތިބި ރަށަކަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށް އައްޑޫ މީދޫ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރައްވާ އަބްދުﷲ ވަސީމު ވިދާޅުވެއްޖެވެ.
ވަސީމު މިހެން ވިދާޅުވީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ލިއުމެއްގައެވެ.
ސޯޝަލް މީޑިއާގައި ވަސީމު ހިއްސާކުރައްވާފައިވާ ލިއުމުގައި، ވިދާޅުވެފައި ވަނީ މީދޫއަކީ އަވަސް މުސްތަގުބަލެއްގައި އިގުތިސާދީގޮތުން ކުރިއަރައިގެންދާނެ ރަށެއްކަން ޔަގީންކަމާއެކު ފާހަގަކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ މީދޫގެ ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މުހިންމު ދެ، ދާއިރާއެއް އޭނާއަށް ފާހަގަކުރެވޭ ކަމަށެވެ.

ވަސީމު ފާހަގަކުރެއްވި މި ދެ ދާއިރާއަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، ޓޫރިޒަމް އިންޑަސްޓްރީއެވެ. މި ދެ ދާއިރާ ތަރައްޤީކޮށްގެން މީދޫގެ ރައްޔިތުންގެ ޖީބަށް ސީދާ ފައިސާ ވައްދައިދެވޭނެ ކަމަށް ވަސީމު ވިދާޅުވިއެވެ.
މިކަންކަން ހާސިލްކުރުމަށްޓަކައި ބޭނުންވާ ހުނަރާއި ގާބިލްކަން އޭނާގެ ކިބައިގައި ހުރެގެން މީދޫ ރައްޔިތުންގެ ވޯޓަކަށް ނުކުމެ ހުރީ ކަމަށްވެސް ވަސީމު ވަނީ ވިދާޅުވެފައެވެ.
އޭނާގެ އަމާޒަކީ މީދޫގެ އިގުތިސާދީ ކުރިއެރުމަށް މަސައްކަތް ކުރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ވަސީމު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ގައި ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

