ދީނީ ޚިދުމަތުގެ ދާއިރާގައި ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ "ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް" ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި ދަރިވަރުންގެ ތެރެއިން ސ. އަތޮޅުމަދަރުސާގެ ގްރޭޑް 10 ގެ ދަރިވަރު އައިމަން އަމީން ހާނީ، ޖުމާދަލްއައްވަލް މަހުގެ 30 ވީ ހުކުރު ދުވަހު މީދޫ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި އިމާމުވެ ހުކުރުނަމާދު ކުރައްވައިފިއެވެ.
މި ހުކުރު ޚުޠުބާ އިއްވަމުން އައިމަން އަމީން ހާނީ އަލިއަޅުވާލާފައިވަނީ "ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން" މި މައުޟޫގެ މައްޗަށެވެ. ގުރުއާން މުދައްރިސް މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ، އައިމަން އަމީން ހާނީ ވަރަށް ފުރިހަމައަށް މި ޚުޠުބާ ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޚުޠުބާގައި ބުނެފައިވާ ގޮތުގައި، މުސްލިމަކަށްވުމަށް ފަހު އިންސާނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި ކުރުމަކީ އިންސާނާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށާއި، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އިންސާނާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް ކަމުގައިވެސް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި އިއްފަތްތެރިކަމުގައި އިންސާނާ ދެމިހުރުމަށް ލިބިދޭ ބާރެއް ކަމަށާއި، އިޖުތިމާއީ ގޮތުން ތަރުބިއްޔަތުވެސް ލިއްބައިދޭ ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
ނަމާދަކީ ގަދަވެ ހެޔޮ ހާލުގައި އޮންނަ އިރުގައްޔާއި، ބަލި ހާލުގައި އޮންނަ އިރުގައްޔާއި، ރަށުގައި ގާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭއިރުވެސް ކުރުމަށް އަންގަވާފައިވާ އަޅުކަމެއް ކަމަށް މި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ އިންސާނެއްގެ ވެސް އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭ ގޮތުން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އިސްލާމް ދީނުގައި ނަމާދަށް މަތިވެރި މަގާމެއް ދީފައިވާއިރު، ނަމާދުތަކަށް ފަރުވާ ކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމަކުވެސް ސަމާލުވާންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި އަންގާލާފައިވެއެވެ. ނަމާދު އެޅުމަކީ އިންސާނާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމަށް ސުންނަތުން ސާބިތުވާކަމަށްވެސް މި ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
އިންސާނުންނަކީ ފާފަކުރެވޭނެ ބައެއް ކަމަށާއި، ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އިންސާނުންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާދެއްވާނެ އަޅުކަމެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން، ތައުބާގެ މަގަށް ރުޖޫއަވެ، ނަމާދުތަކަށް ފަރުވާތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި އަތޮޅުމަދަރުސާގެ ދަރިވަރުންގެ ތެރެއިން މީދޫ ހަވިއްތަ އަހުމަދު ޔޫސުފު އަބްދުﷲ އާއި ވާއިލް އިބްރާހިމް ރަޝީދު އަދި ޔޫނުސް އަބްދުﷲ ސުނީދުވެސް ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި މިހާރު ދަނީ އިމާމުވެ ހުކުރު ނަމާދު ކުރަމުންނެވެ. މިގޮތުން ޒުވާނުންނަށް ދީނީ ދާއިރާގައި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން މިކަމުން ހާމަވެގެންދެއެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން އަތޮޅުމަދަރުސާގެ 3 ދަރިވަރަކު ފާސްވެއްޖެ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

