އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން މައިލޯސިޓީން ތާރީޚީ މޮޅެއް ހޯދައި އެޓީމްގެ ފެންވަރު ދައްކާލައިފިއެވެ.
ހިތަދޫގައި އިއްޔެ ހަވީރު ކުޅުނު މިމެޗްގައި މައިލޯސިޓީން ކާމިޔާބުކޮށްފައިވަނީ ޒުވާން ކުޅުންތެރީން ހިމެނޭ ފޭދޫ ފާހިސްޕޯޓްއާއި ބައްދަލުކޮށް 15 ލަނޑު 1 ލަނޑުން ބޮޑު ތަފާތަކުންނެވެ. މި މޮޅާއެކު މައިލޯސިޓީ ވަނީ މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ މިމުބާރާތް ބާއްވަން ފެށިފަހުން އެއް މެޗަކުން މިހާ ބޮޑު ތަފާތަކުން މޮޅުވެފައިވާ ފުރަތަމަ ފަހަރެވެ. މިއީ މުބާރާތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ރެކޯޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގައި މައިލޯސިޓީން ވަނީ 7 ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި އެޓީމުން 8 ލަނޑު ޖަހައި މެޗުގެ ނަތީޖާ 15-1 އަށް ބަދަލުކުރިއެވެ. ފާހިސްޕޯޓްއިން މިމެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.
މައިލޯސިޓީން ކާމިޔާބުކުރި 15 ލަނޑުގެ ތެރެއިން 6 ލަނޑު ޖަހައި މޮޅު ކުޅުމެއް ދައްކާފައިވަނީ މުހައްމަދު ނަޝީދެވެ. މީގެއިތުރުން ޝިޔާން މުހައްމަދު ދެ ލަނޑު އަދި މުހައްމަދު އިންޝާލްވެސް ދެ ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
މައިލޯސިޓީގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ހާޒިމް، އިބްރާހިމް މުބީން، ހާޒިމް ފައުޒީ، ހަސަން އަލްފާފު އަދި މުހައްމަދު ސަބާހުއެވެ.
ފާހި ސްޕޯޓްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ ހަސަން އަމަންއެވެ.
މި މޮޅާއެކު މައިލޯސިޓީ ވަނީ ކުޅުނު 4 މެޗުން 10 ޕޮއިންޓް ހޯދައި އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކޮށްފައެވެ.
އަނެއްކޮޅުން މިމެޗުން ބަލިވި ފާހި ސްޕޯޓްސް މިހާތަނަށް ކުޅުނު 3 މެޗުންވެސް ބަލިވެފައިވާއިރު، އެޓީމުގެ ފަހުމެޗްގައި މާދަމާ ބައްދަލުކުރާނީ މަރަދޫ އެފްސީއާއެވެ.
އިއްޔެ ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ ސިޓީއަށް 6 ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ނަޝީދެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

