އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 ގައި އިއްޔެ ހަވީރު ހިތަދޫގައި ކުޅެވުނު ފޯރިގަދަ މެޗެއްގައި މަރަދޫ އެފްސީ އާއި ފޭދޫ ފްރެންޑްސް ކްލަބް ވަނީ އެއްވަރުވެފައެވެ.
ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.
މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފޭދޫ ފްރެންޑްސް ކްލަބުންނެވެ. ފުރަތަމަ ހާފްގެ 13 ވަނަ މިނިޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމަދު މަހުމޫދެވެ. މިލަނޑާއެކު ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1-0 އިން ފޭދޫ ފްރެންޑްސް ކްލަބް ލީޑު ކުރަމުންނެވެ.

ދެވަނަ ހާފްގައި މަރަދޫ އެފްސީން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗްގެ 74 ވަނަ މިނިޓްގައި މަރަދޫޓީމުން ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރަފާހްއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރަދޫ އެފްސީގެ އަތޫފެވެ.
މިމުބާރާތުގައި މަރަދޫ އެފްސީ މީގެ ކުރިން ކުޅުނު ދެމެޗުގެ ތެރެއިން ހިތަދޫ މައިލޯ އެފްސީ އަތުން 1-0 އިން ވަނީ ބަލިވެފައެވެ. އެޓީމުގެ ދެވަނަ މެޗްގައި މީދޫ ކްލަބް ލޮތާރިއާއި ބައްދަލުކޮށް 1-0 އިން ވަނީ މޮޅުވެފައެވެ.
ފޭދޫ ފްރެންޑްސް ކްލަބް ކުޅުނު ދެމެޗުގެ ތެރެއިން ހިތަދޫ މައިލޯ އެފްސީއާއި ބައްދަލުކޮށް ކުޅުނު މެޗް ލަނޑެއްނުޖެހި އެއްވަރުވެފައިވާއިރު، ފޭދޫ ފާހިއާއި ބައްދަލުކޮށް 8 ލަނޑު 1 ލަނޑުން ވަނީ މޮޅުވެފައެވެ.
އިއްޔެ ކުޅެވުނު މިމެޗް ކުޅެވުނު ހިތަދޫ ދަނޑުގެ ފެންވަރު ދަށްކަމަށް ފޭދޫ ފްރެންޑްސް ކްލަބްގެ ގޯލްކީޕަރު އަޝްފާގު ފާހަގަކުރިއެވެ. ދަނޑުގައި ބޮޑެތި އަޑިގުޑަންތައް ހެދިފައި ހުރުމުގެ ސަބަބުން ކުޅުންތެރިންނަށް އެކަށީގެންވާ ގޮތަކަށް ކުޅުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން އަޝްފާގު ބުނެފައިވެއެވެ.
މުބާރާތުގެ މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ދަނޑުގެ ހާލަތު ގޯސްކަމުން ކުޅުންތެރިންނަށް އަސަރުކޮށްފައިވާކަމަށް ފޭދޫޓީމުން ފާހަގަކޮށްފައިވެއެވެ.
މިމެޗާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފޭދޫ ޓީމްގެ ކީޕަރު އަޝްފާގު ބުނީ،
"ޓީމުން އަސްލު ރަނގަޅުކޮށްލަން ޖެހެނީ ފޯވަޑް ލައިން. ކުރިއަށްހުރި މެޗްތަކުގައި ރަނގަޅަށް ފިނިޝްކޮށްގެން ކުރިއަށް ދެވޭނެ."
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މަރަދޫ އެފްސީގެ އަތޫފު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ،
"ފުރަތަމަ ހާފްގެ ކުޅުން ތަންކޮޅެއް ދަށްކޮށް ދިޔައީ. އެކަމަކު ދެވަނަ ހާފްގައި ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. ލިބުނު ފުރުސަތުތައް ނިންމުނުނަމަ ސްކޯ ތަންކޮޅެއް ރަނގަޅުވާނެ. ޓީމުން ރަނގަޅުކުރުމަށް މިޖެހެނީ ފިނިޝިން. ތިން މެޗްގައިވެސް ބައިވަރު ޗާންސްތައް ލިބި ނުނިންމި ދިޔައީ. ފިނިޝިން ރަނގަޅުކޮށްލުމުން ވަރަށް ބޮޑުތަން ރަނގަޅުވާނެ."

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

