އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ތެރެއިން އިއްޔެ ހަވީރު ހިތަދޫގައި ކުޅެވުނު މެޗެ ހިތަދޫ މައިލޯސިޓީން ފަސޭހަކަމާއެކު މީދޫ ކްލަބް ލޮތާރި ބަލިކޮށް، ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.
މިމެޗް މައިލޯސިޓީން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މައިލޯސިޓީން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނިޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޝަންވީލު ގާސިމެވެ.
ދެވަނަ ހާފަށް ނިކުމެ މައިލޯސިޓީގެ ކުޅުންތެރިން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ.
އެގޮތުން މައިލޯ ސިޓީގެ ދެވަނަ ލަނޑު 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދެވެ. އެޓީމުގެ 3 ވަނަ ލަނޑު 74 ވަނަ މިނިޓްގައި ޝަޔާން މުހައްމަދު ކާމިޔާބުކުރިއިރު، މުހައްމަދު ނަޝީދު އޭނާގެ ދެވަނަ ލަނޑު އަދި މައިލޯސިޓީގެ 4 ވަނަ ލަނޑު 81 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނެވެ. މެޗުގެ ފަސްވަނަ އަދި ފަހު ލަނޑު 83 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަބާހު މަސްރޫރެވެ.
5 ލަނޑު 0 ލަނޑުން މައިލޯސިޓީ މިމެޗް ކާމިޔާބުކުރިނަމަވެސް، ކްލަބް ލޮތާރިއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މިގޮތުން އެޓީމުގެ ކުޅުންތެރީންނަށް ލިބުނު 3 ފުރުސަތެއްގައި ފޮނުވާލި ބޯޅަތައް މައިލޯސިޓީގެ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ދިޔަތަން ފެނިގެން ދިޔައެވެ. މީގެ އިތުރުންވެސް، ލޮތާރީގެ ކުޅުންތެރިންނަށް ލިބުނު ބައެއް ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔަތަން ފާހަގަކުރެވުނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީއަށް އިއްޔެގެ މެޗްގައި ދެ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ، އޭނާގެ ޓީމަށް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޚަބަރާއިގުޅޭފޮޓޯތައް:އައްޑޫސިޓީކައުންސިލް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

