ގައުމީ ދުވަހާ ދިމާކޮށް މީދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ހުޅުދޫ އަދި މީދޫގެ މަގުތައް ސާފުކުރުމަށް ބޭނުންކުރާނެ އައު ސްވިޕަރެއް ގެނެސް ދެއްވާނެކަމުގެ އުފާވެރި ޚަބަރު އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވަނީ ދެއްވާފައެވެ. މީދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ( އޯގަސްޓްމަހުގެ 24 ވަނަ ދުވަހު ) މީދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ނިޒާރު ވިދާޅުވީ، ހިތަދޫގައި މިހާރު ، ހުޅުދޫ، މީދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ ސްވިޕަރު އެބައޮތްކަމަށް ވިދާޅުވިއެވެ.
ނިޒާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އައްޑޫސިޓީއަށް ގެނެސްފައިވާ ސްވިޕަރުތަކަކީ ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް، އަދި މާލެއަށްވެސް ގެނެސްފައިނުވާވަރުގެ ބޮޑެތި ބިޔަ ސްވިޕަރުތަކެކެވެ. އައްޑޫ ސިޓީގެ މަގުތައް ހެދިފައިވާ ގޮތަށް ބަލާއިރު މި މަގުތައް ސާފުކުރުމަށް އެންމެ އެކަށީގެންވާ ސްވިޕަރުތަކެއް ގެނައުމަށް ވަރަށް ބޮޑު އަގެއް ހޭދަކޮށްފައިވާކަމަށްވެސް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.
ނިޒާރު ވިދާޅުވީ ހިތަދޫއަށް އެއް ސްވިޕަރު ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫއަށް އެއް ސްވިޕަރު ، ހުޅުދޫ އަދި މީދޫއަށް އެއް ސްވިޕަރު ގެންސްފައިވާކަމަށެވެ.
މި ހުރިހާ ސްވިޕަރެއްގެ ރަޖިސްޓްރީގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައިކަން ނިޒާރު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހުޅުދޫ އަދި މީދޫއަށް ޚާއްޞަކުރެވިފައިވާ ސްވިޕަރު ގެނައުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ( އޯގަސްޓްމަހުގެ ތެރޭގައި ) ނިންމޭތޯ މަސައްކަތްކުރައްވާ ކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
މަގުތައް ސާފުކުރުމުގެ އިތުރުން، އައްޑޫ ސިޓީގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލައިޓް ޕޯލްތައް މަރާމާތުކުރުމުގެ މައްސަލަކަން މީދޫ ރަށްޔިތުންނާއި މުޚާޠަބްކޮށް ވާހަކަފުޅު ދައްކަވަމުން މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލަ ޙައްލުކުރުމަށް ބޭނުންވާ ތަކެތިވެސް ހޯދާފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ ތެރޭގައި ހުޅުދޫ އަދި މީދޫއަށް ބޭނުންވާ ތަކެތިވެސް ހިމެނޭކަމަށް ނިޒާރު ވިދާޅުވިއެވެ.

ނަމަވެސް، މި ތަކެތި ގެނައުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މި ތަކެއްޗަކީ ލޭންޑިންގ ކްރާފްޓެއްގައި ނޫނީ ނުގެނެވޭނެ ތަކެތި ކަމަށް ނިޒާރު ވިދާޅުވިއެވެ. ޢާންމު ދޯނިފަހަރުގައި މި ތަކެތި އުފުލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ލޭންޑިންގ ކްރާފްޓެއް ލިބޭ ހިސާބުން މި ތަކެތި ވީ އެންމެ އަވަހަކަށް ހުޅުދޫ، މީދޫއަށް ފޮނުވައިދޭނެކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.
މީދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ނިޒާރު ވަނީ، އައްޑޫ ސިޓީގެ ރަށްތަކަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަ ވަޢުދުތަކެއް މިހާރު ވަނީ ފުއްދަވާފައި ކަމަށް ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގެ މަގުތައް ސާފުކުރުމަށް ގެނެވޭ މި އައު ސްވިޕަރަކީ، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ލައިޓް ޕޯލްތައް މަރާމާތުކުރުމުގެ މަސައްކަތަކީވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ.
މޭޔަރ ނިޒާރުގެ ވަޢުދުތައް ފުއްދަވަމުން ގެންދަވާ މިންވަރުން، އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ޝައްކެއްނެތެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

