މީދޫގަައި ވަކި ކައުންސިލެއް އުފެއްދުމުގެ ފުރުސަތު ލިބުމަކީ މީދޫގެ ތާރީޚުގައި ލިބޭނެ އެންމެ ބޮޑު ނަސީބުކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އައްދު ވިދާޅުވެއްޖެވެ.
އައްދު މިފަދައިން ވިދާޅުވެފައިވަނީ "އަފިރިންގެ ކައުންސިލް އަފިންނަށް" މި ނަމުގައި މީދޫގެ މުސްތަޤްބަލާ ގުޅޭގޮތުން ނިންމަންޖެހޭ ވަރަށް މުހިންމު ނިންމުންތަކަކާ ގުޅޭގޮތުން މީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ހަވީރު ސަންސެޓްގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މުހިންމު މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވަމުން އައްދު ވިދާޅުވީ ކޮންމެ މީހެއްގެވެސް ޢާއިލާއާއި ރަށްޓެހިންނާއި ގާތް މީހުންނާ ވާހަކަދައްކައިގެން ވޯޓު އެޅުވުމަށް މަސައްކަތްކުރުމެވެ. މިއީ ވަރަށް މުހިންމު ކަމެއްކަމަށް އައްދު ވިދާޅުވިއެވެ.
މީދޫގައި މި މަސައްކަތަށް ދެކޮޅު ހަދާ ފަރާތްތަކަކީ ކޮބައިކަން އެނގޭކަމަށާއި، އެފަރާތްތަކަށް އިތުރަށް ވިސްނައިދިނުމުގެ ބޭނުމެއް ނެތްކަމަށް މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އައްދު ވިދާޅުވިއެވެ. އެއީ އެފަރާތްތައް އެގޮތަށް ތިބީ އެމީހުންގެ މަޞްލަޙަތު އޮތް ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދައިގެން ކައުންސިލްގެ ދަށުވެފައި ތިބޭތީ ކަމަށާއި، އެމީހުންގެ ކަންތައްތައް ހިނގަމުން އަންނަ ތަރުތީބަށް ކައުންސިލް އުފެދިއްޖެނަމަ ބަދަލު އަތުވެދާނެތީ ކަމަށް އައްދު ވިދާޅުވިއެވެ.


މީދޫގެ ވަކި ކައުންސިލެއް އޮތުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި މީދޫގެ އިހުތިޞާޞްގައި ހިމެނޭ ކަނޑާއި ފަޅާއި ފަރާއި ، މި ހުރިހާ އެއްޗެއްގެ މިލްކުވެރިކަން ލިބިގެންދިއުން ހިމެނެއެވެ. މި ކަންކަން މިހެންހުރުމާއެކު، ވަކިކައުންސިލް އޮތުމުން ކައުންސިލްގެ ނަމުގައި ބޭންކުން ލޯނު ނެގުމާއި، ކައުންސިލުން ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަން އައްދު ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން މީދޫއަށް މަގު ހަދައިދިނުމާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކޮށްދިނުން ފަދަ ބޮޑެތި ކަންކަން ކޮށްދޭނެކަމަށްވެސް އައްދު ވިދާޅުވިއެވެ. އެހެންކަމުން މީދޫގެ ރައްޔިތުން އެއްވެސް ބަޔަކަށް ބަރޯސާވެގެން ތިބުމުގެ ބޭނުމެއް ނެތްކަމަށް އައްދު ވިދާޅުވިއެވެ.
އައްދު ފާހަގަކުރެއްވިގޮތުގައި މީދޫ މީހުންނަކީ ކުޑަ ސިކުނޑިއެއް ތިބި ބައެއްކަމަށާ މީދޫ މީހުންނަށް އެނގޭނީ މަގުމަތީގައި ލައިޓް ޖެހުމާއި މިސްކިތްތަކުގައި ފާޚާނާ ހެދުން ފަދަ ކަންކަން ކުރުމަށްކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާތީ މިފަދަ ވިސްނުމަކާ ދެކޮޅަށް، މީދޫގެ ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި މީހުންނަށްވެސް މީދޫ މީހުން ތިބިގޮތް ވޯޓުން ދައްކައިދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އައްދު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

