ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ރަށު ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ވިދާޅުވެއްޖެވެ.
މީދޫގައި ރަށު ކައުންސިލެއް އުފެއްދުމަށް ތާއީދު ކުރައްވާ ސޯލިހާ މިހެން ވިދާޅުވެފައިވަނީ އައްޑޫސިޓީ ކައުންސިލްގެ އަވަށަކުން ރަށު ކައުންސިލަކަށް ހުޅުދޫއާއި މީދޫ އަދި ފޭދޫ ބަދަލުކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްތަކާއި ގުޅިގެން އެކަމަނާގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިޔުމެއްގައެވެ.
ސޯލިހާ އެކަމަނާގެ ފޭސްބުކް ޕޭޖްގައި ޙިއްޞާކުރައްވާފައިވާ ލިއުއްވުމުގައި އިތުރަށް ވިދާޅުވެފައިވަނީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށުކައުންސިލްތަކަށް އިތުރު ބާރުތަކާއި މިނިވަންކަން ލިބިގެން ދިޔުމަކީ، ރައްޔިތުންގެ ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހައިން ދިނުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން، އިދާރީ ހުރަސްތައް ކުޑަވެ، ޚިދުމަތްދިނުމުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އެކަމަނާ ފާހަގަކުރައްވާފައިވެއެވެ.
ޙަޤީޤަތުގައިވެސް، ރަށު ފެންވަރުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ބާރު ރަށު ކައުންސިލް އުފެދި ކައުންސިލްތަކަށް ލިބިގެންދިޔުމަކީ، ރައްޔިތުންގެ ބޭނުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ފަހިވެގެންދާނެ ކަމެކެވެ.
މިހާރު އައްޑޫސިޓީގެ ނިޒާމު ހަމަޖެހިފައިވާގޮތުން ކުދިކުދި ކަންކަން ނިންމުމަށްޓަކައިވެސް ސިޓީ ކައުންސިލުން ހުއްދަ ހޯދަންޖެހޭ ޙާލަތްތައް ގިނައެވެ. މިކަމުގެ ސަބަބުން، ޚިދުމަތް ދިނުމުގައި ލަސްތަކެއް ދިމާވެ، ރައްޔިތުންގެ ކެތްތެރިކަން ގެއްލި، ސަރުކާރާމެދު ނުރުހުން އުފެދެއެވެ.
މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ ފާހަގަކުރައްވާފައިވާ ފަދައިން، ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށު ކައުންސިލް އުފެދުމުން އިތުރު ބާރުތަކާއި މިނިވަންކަން ލިބިގެން ދިޔުމަކީ، ރައްޔިތުންގެ ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބިގަތުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

