އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް ނެގުމަށް ރައީސް މުއިއްޒު ހަމަޖެއްސެވުމާއި ގުޅިގެން މީދޫގެ ރައްޔިތުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވުމަށް މީދޫ ކައުންސިލަރު ސޯލިހާ ހަމަޖައްސަވައި، މިގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުން ހޮނިހިރު ދުވަހުގެރޭ (އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހުގެރޭ) މީދޫގައި ބާއްވައިފިއެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ވޯޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ކައުންސިލަރު ސޯލިހާއާއި މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒެވެ. ބައްދަލުވުމުގައި އެ ދެ ބޭފުޅުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ އަވަށަކުން ރަށު ކައުންސިލަކަށް މީދޫ ބަދަލުވުމުން ލިބިދާނެ ފައިދާތަކާއި ސިޓީ ކައުންސިލްގެ އަވަށެއްގެ ގޮތުގައި އޮތުމުން ލިބެމުންދާ ގެއްލުންތައް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އޮޅުންފިލުވައިދެއްވުމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ރަށު ކައުންސިލްތަކަށް ލިބިދޭ ބާރުތަކާއި ސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކަށް ލިބިދޭ ބާރުތަކުގެ މެދުގައިވާ ތަފާތުތައް ބައްދަލުވުމުގައި ތަފްސީލުކޮށް މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް ބަޖެޓް ކަނޑައެޅުމާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުތައް ރޭވުމާއި، ރަށުގެ ބިންތައް ބޭނުންކުރުމުގެ ޕްލޭން އެކުލަވާލުމުގައި ރަށު ކައުންސިލްތަކަށް ލިބިގެންވާ އިޚްތިޔާރުތަކާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެވުނެވެ.
ބައްދަލުވުމުގައި ކައުންސިލަރު ސޯލިހާއާއި ޑިރެކްޓަރ މާނާގެ އިތުރުން އައްޝައިޚް ޢަބްދުﷲ ހާނީއާއި ޑރ. އަފީފުއާއި ޝާޠިރުވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ބައްދަލުވުމަށް ވަޑައިގެންނެވި އެހެނިހެން ބޭފުޅުންވެސް ރަށު ކައުންސިލެއް މީދޫގައި އުފެއްދުމުން ލިބޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރެއްވިއެވެ.
އަދި މީދޫގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ރަނގަޅު ނިންމުމެއް ނިންމުމަށްޓަކައި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރެއްވިއެވެ.
މީދޫ ރަށު ކައުންސިލަކަށް ބަދަލުވެއްޖެނަމަ ލިބިދާނެ ފައިދާތަކުގެ ތެރޭގައި ތިރީގައިވާ ކަންތައްތައް ހިމެނެއެވެ:
1-ސީދާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބުން: ރަށު ކައުންސިލަކަށް ބަދަލުވުމުން، ސިޓީ ކައުންސިލް މެދުވެރިނުވެ ސީދާ ދައުލަތުގެ ބަޖެޓުން ފައިސާ ލިބުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. މިކަމުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް އިތުރު މާލީ ވަސީލަތްތައް ލިބިގެންދާނެއެވެ.
2-ބިމާ ގުޅޭ އިޚްތިޔާރުތައް އިތުރުވުން: ރަށުގެ ބިން ބޭނުންކުރުމުގެ ޕްލޭން އެކުލަވާލުމުގައި ރަށު ކައުންސިލަށް ލިބިގެންވާ އިޚްތިޔާރު ބޮޑުވެ، ރަށުގެ ބިން ބޭނުންކުރުމުގެ ސިޔާސަތުތައް ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް އަމާޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
3-ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އިޚްތިޔާރު: ރަށު ކައުންސިލަށް ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ފުރިހަމަ އިޚްތިޔާރު ލިބިގެންދާނެއެވެ. މިކަމުން ރަށުގެ ޚާއްޞަ ބޭނުންތަކަށް އަމާޒުކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް މަގުފަހިވެގެންދާނެއެވެ.
4-އާމްދަނީ އިތުރުކުރުމުގެ ފުރުޞަތުތައް: ރަށު ކައުންސިލަކަށް ބަދަލުވުމުން، ރަށުގެ ވަސީލަތްތަކުން އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ރަށުގެ ބިންތައް ކުއްޔަށް ދިނުމާއި، ޚިދުމަތްތަކަށް ފީ ނެގުމާއި، އެހެނިހެން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ އިޚްތިޔާރު ހިމެނެއެވެ.
5-ރަށުގެ ޚާއްޞަ ބޭނުންތަކަށް އިސްކަންދިނުން: ރަށު ކައުންސިލަކަށް ބަދަލުވުމުން، ރަށުގެ ޚާއްޞަ ބޭނުންތަކަށް އިސްކަންދީގެން ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމުން ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ އަވަށެއްގެ ގޮތުގައި މީދޫ އޮތުމުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި:
1-ބަޖެޓް ބެހުމުގެ މައްސަލަތައް: ސިޓީ ކައުންސިލަށް ލިބޭ ބަޖެޓް އަވަށްތަކުގެ މެދުގައި ބެހުމުގައި އެކަށީގެންވާ ހަމަހަމަކަމެއް ނެތުމުގެ ސަބަބުން މީދޫއަށް ބޭނުންވާ މިންވަރަށް ބަޖެޓް ނުލިބޭކަމަށް ފާހަގަކުރެވުނެވެ.
2-ނިންމުންތައް ނިންމުމުގެ ބާރު ކުޑަވުން: ސިޓީ ކައުންސިލްގެ ނިންމުންތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން، ރަށުގެ ކަންކަން ނިންމުމުގައި އަވަށު އޮފީހުގެ ބާރު ކުޑަވެފައިވާކަން ފާހަގަކުރެވުނެވެ.
3-ޚިދުމަތްތައް ލަސްވުން: ސިޓީ ކައުންސިލްގެ ތެރެއިން ނިންމުންތައް ނިންމުމުގެ ޕްރޮސެސް ދިގުލައިގެން ދިއުމުގެ ސަބަބުން ޚިދުމަތްތައް ދިނުމުގައި ގިނަ ވަގުތު ހޭދަވާކަން ފާހަގަކުރެވުނެވެ.
4-ރަށުގެ ޚާއްޞަ ބޭނުންތަކަށް އިސްކަން ނުދެވުން: ސިޓީ ކައުންސިލުން އެކުލަވާލާ ތަރައްޤީގެ ޕްލޭންތަކުގައި ރަށުގެ ޚާއްޞަ ބޭނުންތަކަށް އެކަށީގެންވާ އިސްކަމެއް ނުދެވޭކަން ފާހަގަކުރެވުނެވެ.
ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން، ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް ވޯޓާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ނިންމުނެވެ.
މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
1- ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުން
2-ވޯޓުގައި ބައިވެރިވުމުގެ މުހިންމުކަން އޮޅުންފިލުވައިދިނުން
3- ރަށު ކައުންސިލަކަށް ބަދަލުވުމުން ލިބޭނެ ފައިދާތަކާއި ގެއްލުންތަކާ ބެހޭގޮތުން ތަފްސީލީ މަޢުލޫމާތު ހިއްސާކުރުން
4-ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން
ލާމަރުކަޒީ ޤާނޫނުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް ނެގޭ ވޯޓުން ރައްޔިތުން ނިންމަވާ ގޮތަކަށް އެ ރަށްރަށް ސިޓީ ކައުންސިލްގެ އަވަށްތަކެއްގެ ގޮތުގައި ދެމިއޮތުން ނުވަތަ ވަކިވަކި ރަށު ކައުންސިލްތަކަކަށް ބަދަލުވުން ކަނޑައެޅިގެންދާނެއެވެ.
އެހެންކަމުން، މި ވޯޓަކީ ރަށުގެ މުސްތަޤްބަލަށް ވަރަށް މުހިންމު ނިންމުމެއް ކަމުގައި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ. އަދި ވޯޓުގެ ދުވަހާ ހަމައަށް ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

