އިސްރަށްވެހިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް އަގުހުރި ބައެކެވެ. އެބައިމީހުންގެ ތަޖުރިބާއަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް ލިބިފައިވާ އަގުނުކުރެވޭ މުއްސަނދިކަމެކެވެ. އެހެންނަމަވެސް، ހިތާމައަކީ އަޅުގަނޑުމެންގެ ގިނަ ރަށްރަށުގައި އިސްރަށްވެހިން އެއްވެ، ވަގުތު ހޭދަކޮށް، ހިތްހަމަޖެހިގެން ތިބޭނެ ޚާއްޞަ ތަނެއް ނެތުމެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
އަޅުގަނޑުމެންގެ ރަށުގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމަށް ބަލައިލާއިރު، ގިނަ ފަހަރަށް އެބޭފުޅުން ވަގުތު ހޭދަކުރަނީ ގޭގައި ތިބެގެންނެވެ. ޒަމާނީ ދިރިއުޅުމުގެ ބާރު ދުވެލީގައި ޒުވާނުންނާއި މެދު އުމުރުގެ މީހުން މަސައްކަތުގައި އުޅޭއިރު، އިސްރަށްވެހިން ގިނަފަހަރަށް ދޫކޮށްލެވިފައި ތިބެނީ ގޭތެރެއަށެވެ. ރަށުގައި އެބޭފުޅުން އެއްވެ، ވާހަކަދައްކައި، ވަގުތު ހޭދަކުރާނެ ޚާއްޞަ ތަނެއް ނެތުމަކީ އިޖްތިމާޢީ ގޮތުން އެބޭފުޅުން އެކަހެރިވެގެން ދިއުމަށް މަގުފަހިވާ ކަމެކެވެ.
"ކުރީގައި ކާޑުގޭ ޕާކަށް އަޅުގަނޑުމެން އެއްވެ ވާހަކަ ދައްކައި، ވަގުތުތައް ހޭދަކުރަން. މިހާރު އެތަންހުރި ގޮތުން އެތާގައި އެފަދަ މާހައުލެއް ނެތް . އެހެންކަމުން އަޅުގަޑުމެން އެއްވެ ވާހަކަ ދައްކަން ތިބެވޭނެ ތަނެއްހުރުމަކީ އަޅުގަޑުމެންނަށް ވަރަށް ބޭނުންތެރިކަމެއް. ގޭގައި ތިބެންޖެހުނީމަ، ހިތްވެސް ބަލިވެއެވެ."
އިހަކަށްދުވަހު އަޅުގަނޑު ބައްދަލުކުރި ހަތްދިހަވަރަކަށް އަހަރުގެ ބޭފުޅަކު ވިދާޅުވިއެވެ.
އެހެންކަމުން އިސްރަށްވެހިންނަށް ޚާއްޞަ މައިޒާނެއް ނުވަތަ ތަނެއް ޤާއިމުކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މިފަދަ ތަނަކުން ލިބޭނެ ބައެއް ފައިދާތަކުގެ ތެރޭގައި:
އިޖްތިމާޢީ ގުޅުން ހަރުދަނާވުން: އިސްރަށްވެހިންނަށް އެކަކު އަނެކަކާ ބައްދަލުކޮށް، ވާހަކަދައްކައި، ތަޖުރިބާތައް ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ޞިއްޙީ ފައިދާތައް: ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އެކަނިވެރިކަން ކުޑަވެގެންދާނެއެވެ.
ޘަޤާފީ ތަރިކަ ދެމެހެއްޓުން: އިސްރަށްވެހިންގެ ކިބައިގައިވާ ތަޖުރިބާއާއި ޢިލްމު ޒުވާން ޖީލުތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
ޒުވާނުންނާއި އިސްރަށްވެހިންގެ ގުޅުން ބަދަހިވުން: ޒުވާނުންނަށް އިސްރަށްވެހިން ބައްދަލުވެ އިސްރަށްވެހިންގެ ތަޖުރިބާ ޒުވާނުންނާއި ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރަށް މިފަދަ ތަނަކުން ތިރީގައި ދަންނަވާފައިވާ ޚިދުމަތްތައްވެސް ލިބެން ހުރުމަކީ މުހިއްމުކަމެއް :
- އާދައިގެ ކުޅިވަރުތައް ކުޅެވޭނެ ޖާގަ (ކެރަމް، ޗެސް ފަދަ ކުޅިވަރުތައް )
- ކިޔާލުމަށް ފޮތްތައް ހުންނަ ކުޑަ ލައިބްރަރީއެއް
- ސައި ކޮފީ ބުއިމުގެ އިންތިޒާމު
- ޓީވީ ބެލުމުގެ އިންތިޒާމު
- ކުޑަކުދިންނާއެކު ވަގުތު ހޭދަކުރެވޭނެ ޖާގަ
ދުނިޔޭގެ އެކި ޤައުމުތަކުގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ މައިޒާންތަކާއި މަރުކަޒުތަކުން ވަރަށް ބޮޑެތި ކާމިޔާބީތައް ޙާޞިލުކޮށްފައިވެއެވެ. އެހެންކަމުން އިސްރަށްވެހިންނަށް ޚާއްޞަ މައިޒާނެއް ޤާއިމުކުރުމުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކައުންސިލުތަކުގެ ދައުރު ވަރަށް މުހިންމެވެ.
އިސްރަށްވެހިންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަގުހުރި ބައެކެވެ. އެބޭފުޅުންނަށް އެކަށީގެންވާ އިޙްތިރާމާއި ޤަދަރު ދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އިސްރަށްވެހިންނަށް ޚާއްޞަ މައިޒާނެއް ޤާއިމުކުރުމަކީ އެބޭފުޅުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ގުޅުންތައް ބަދަހިކޮށް، ޞިއްޙީ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އެހެންކަމުން، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކައުންސިލުންނާއި މުޖުތަމަޢުގެ އެންމެހައި މެންބަރުން ގުޅިގެން މިކަމަށް އިސްކަމެއް ދީ، އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަޅުގަނޑުމެންގެ އިސްރަށްވެހިން އަޅުގަނޑުމެންނަށް ޓަކައި ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން، އަޅުގަނޑުމެން އެބޭފުޅުންނަށް ޓަކައި މިފަދަ ތަނެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

