1446 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މަދަހަ މުބާރާތުގެ އެއްވަނަ ހުޅުދޫ ސިއްޙީ މަރުކަޒުގެ ޓީމުން ހޯދައިފިއެވެ. މީގެ އިތުރުން މި މުބާރާތުގެ ސޯލޯ ކެޓަގަރީން އެއްވަނަ ލިބިފައިވަނީވެސް ސިއްޙީ މަރުކަޒު ޓީމުގެ އާމިނަތު ނައުފާ ވަސީމަށެވެ.
މި މުބާރާތުން ސިއްޙީ މަރުކަޒު ޓީމަށް އެއްވަނަ ލިބުމާ ގުޅިގެން ސިއްޙީ މަރުކަޒުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލިޔުމެއްގައި އެ ޓީމަށް އެއްވަނަ ލިބުމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާފައިވެއެވެ. މިގޮތުން މީދޫ އަންދަލީބުގޭ ސަފުވާނު ޝަފީޤަށާއި، ބ. ދޮންފަނު އަޙުމަދު ޝަރީފް ޢަބްދުﷲ ގެ އިތުރުން މީދޫ ނާސާ ޔާސިންއަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.
"މިފަދަ މުބާރާތެއްގައި އަޅުގަނޑުމެންގެ ޓީމަށް އެއްވަނަ ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ޚާއްޞަކޮށް ސޯލޯ ކެޓަގަރީންވެސް އަޅުގަނޑުމެންގެ ޓީމުގެ ނައުފާއަށް އެއްވަނަ ލިބުމަކީ އިތުރު ފަޚުރެއް. މި ކާމިޔާބީ ހޯދުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން"
ސިއްހީމަރުކަޒުގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލިއުމެއްގައި ބުނެފައިވެއެވެ.
މިމުބާރާތާބެހޭގޮތުން ހުޅުދޫ އަވަށު އޮފީހުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިގޮތުގައި، މި މުބާރާތަކީ ރަށުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި ބޭއްވުނު މުބާރާތެއްކަމަށެވެ.
ސިއްޙީ މަރުކަޒުގެ ޓީމުގެ ފަރާތުން ވިދާޅުވިގޮތުގައި، މި ކާމިޔާބީއަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ މުބާރާތްތައް ބާއްވާނަމަ ބައިވެރިވެ، ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

